ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި، އޯޕެކް ޕްލަސް (އޯޕެކް+) ގެ ހަތް ގައުމަކުން އަންނަ އޮގަސްޓު މަހު ދުވާލަކު 188،000 ފީފާގެ ތެޔޮ އިތުރަށް އުފައްދަން ނިންމައިފިއެވެ. މިއީ 2023 ވަނަ އަހަރު ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އެކުލަވައިލި އެއްބަސްވުމަށް ލުއިދިނުމުގެ ގޮތުން، ވިދިވިދިގެން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ނިންމި ފަސްވަނަ މަހެވެ.
އިއްޔެ ބޭއްވި އޮންލައިން ބައްދަލުވުމެއްގައި މި ނިންމުން ނިންމާފައިވަނީ ސައުދީ އަރަބިއްޔާ، ރަޝިއާ، އިރާގު، ކުވައިތު، ކަޒަކިސްތާން، އަލްޖީރިއާ އަދި އޮމާނުންނެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގެ މަސްރަހު ފިނިވެ، ހޮރުމުޒް ކަނޑުއޮޅިން އާގުބޯޓުފަހަރު ދަތުރުކުރަން ފެށުމާއެކު، ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 72 ޑޮލަރަށް ވުރެ ދަށަށް ގޮސްފައިވާ ވަގުތެއްގައެވެ.
އޮގަސްޓު މަހު އިތުރުކުރާ 188،000 ފީފާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ސައުދީ އަރަބިއްޔާ އަދި ރަޝިއާއިންނެވެ. އެއިން ކޮންމެ ގައުމަކުން ދުވާލަކު 62،000 ފީފާ އިތުރުކުރާނެއެވެ. މީގެ އިތުރުން އިރާގުން 26،000 ފީފާ، ކުވައިތުން 16،000 ފީފާ، ކަޒަކިސްތާނުން 10،000 ފީފާ، އަލްޖީރިއާއިން 6،000 ފީފާ އަދި އޮމާނުން 5،000 ފީފާ އިތުރުކުރާނެއެވެ.
އޯޕެކް ޕްލަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބަދަލުތައް ގެންނަނީ ބާޒާރުގެ ހަމަޖެހުން ހިފެހެއްޓުމަށްޓަކައި ވަރަށް ފަރުވާތެރިކަމާއެކު ކަމަށެވެ. ބާޒާރުގެ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުން މަޑުޖައްސައިލުމުގެ ނުވަތަ އަނބުރާ ގެންދިއުމުގެ އިހުތިޔާރު އެ ގައުމުތަކަށް އޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސެޕްޓެންބަރު މަހު ތެޔޮ އުފައްދާނެ މިންވަރެއް ކަނޑައެޅުމަށްޓަކައި، މި ހަތް ގައުމުގެ ވަޒީރުން އޮގަސްޓު މަހުގެ 2 ވަނަ ދުވަހު އަލުން ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އޯޕެކް
ކޮމެންޓް