އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމާއެކު، ލުބުނާނުގައި ގެދޮރު ގެއްލިފައިވާ 640،000 އަށްވުރެ ގިނަ މީހުން އެނބުރި އެ މީހުންގެ ރަށްތަކަށް ގޮސްފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނެފިއެވެ.

އައިއޯއެމް އިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ޖޫން 21 ވަނަ ދުވަހު އަމަލުކުރަން ފެށި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު، މިހާތަނަށް 646،107 މީހަކު ވަނީ އެނބުރި ގެއަށް ގޮސްފައެވެ. ނަމަވެސް، އަދިވެސް 500،000 އެއްހާ މީހުން ގެދޮރު ގެއްލިފައިވާ ހާލަތުގައި އެބަތިބި ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ލުބުނާނުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އަރަބް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި 4،300 އެއްހާ މީހުން މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެނބުރި ރަށްތަކަށް ދާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ދަނީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް ދެކުނު ލުބުނާނުގެ ބޯޑަރު ސަރަހައްދުގައިވާ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން، އެ ސަރަހައްދުތަކަށް މީހުންނަށް އަދިވެސް ނުވަދެވެއެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިން ލުބުނާނުގެ ސަރަހައްދުގެ ތެރެއަށް 10 ކިލޯމީޓަރުގެ ސެކިއުރިޓީ ޒޯނެއް ގާއިމުކޮށްފައި އޮތުމަކީވެސް އާންމުންނަށް އޮތް ބޮޑު ހުރަހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގެ ސަރުކާރުން މިހާރު ދަނީ ވެރިރަށް ބެއިރޫތާއި އެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ފޭލިގެތައް ނަގައި، އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، ހަލާކުވެފައިވާ ސަރަހައްދުތައް އާރާސްތުކުރުމާއި، އެނބުރި އަންނަ އާއިލާތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެމެރިކާގެ މެދުވެރިވުމާއެކު ލުބުނާނާއި އިސްރާއީލުން ވަނީ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.