ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް ދަތުރުކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަނުން އެ އެއާލައިނުގެ ޑޮމެސްޓިކް ނެޓްވޯކަށް 320 އަށްވުރެ ގިނަ ފްލައިޓް އިތުރުކޮށްފިއެވެ.

މި ފްލައިޓްތައް އޮޕަރޭޓްކުރާނީ 10 ޖުލައި އިން 4 އޮގަސްޓްއާ ދެމެދުގައެވެ. މި މުއްދަތުގައި ޖުމުލަ 2000 އަށްވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް ބާއްވާނެ ކަމަށާއި ގާތްގަނޑަކަށް 110000 ސީޓް ލިބެން ހުންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އިތުރުކުރި ފްލައިޓްތަކާއެކު 18000 އަށްވުރެ ގިނަ ސީޓް ބޭސް ޝެޑިއުލަށް ވުރެ އިތުރުވެ ޖާގައިގެ ގޮތުން 17 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެއެވެ. މި މުއްދަތުގައި ބާއްވާ ކޮންމެ ހަ ފްލައިޓަކުން ގާތްގަނޑަކަށް އެއް ފްލައިޓަކީ އިތުރުކޮށްފައިވާ ފްލައިޓެކެވެ.

ސްކޫލް ބަންދުގެ ތެރޭގައި ޖާގަ އިތުރުކުރުމުގެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ ޑިމާންޑް ބޮޑު ރޫޓްތަކުގައި މޯލްޑިވިއަނުގެ އެއާބަސް އޭ320 ބޯޓު ބޭނުންކުރާނެއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ "އަޅުގަނޑުމެންގެ ޑޮމެސްޓިކް ނެޓްވޯކަކީ ރާއްޖޭގެ މުޖުތަމައުތައް ގުޅުވައިދީ ދަތުރުފަތުރަށް އެއްބާރުލުން ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނެޓްވޯކެއް" ކަމަށެވެ.

އިޔާސް އިތުރަށް ވިދާޅުވީ ސްކޫލް ބަންދުގައި ޑިމާންޑް ބޮޑުވުމާ ގުޅިގެން އިތުރު ފްލައިޓްތައް ބެހެއްޓުމުން ދަތުރުވެރިންނަށް ފަސޭހަވެ ހިދުމަތުގެ ފެންވަރު ދެމެހެއްޓޭނެ ކަމަށެވެ. މޯލްޑިވިއަނުގެ ފްލައިޓް ޝެޑިއުލް 365 ދުވަސް ކުރިން ބުކިން ހެދެން ހުޅުވާލެވިފައި ހުންނާނެ ކަމަށް ވެސް އިޔާސް ވިދާޅުވިއެވެ.

ގައުމީ އެއާލައިނުގެ ހައިސިއްޔަތުން ރާއްޖޭގެ ރަށްތައް ގުޅުވައިދީ ރައްކާތެރި ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވިއަނުން ދެމިތިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.