ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފައްދައި، ރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ހުށަހެޅި ސައިބާ ސެކިއުރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަަލައިގަތީ، ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ނާސިހް ހުށަހެޅުއްވި، މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލުގައި ބަޔާންކޮށްފައި ވަނީ ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އަދި ދައުލަތުގެ އަދި އަމިއްލަ އިދާރާގައި ހިމެނޭ އުމްރާނީ މުހިންމު ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަނޑައެޅުން ވެސް ހިމެނެއެވެ.
ދާހިލީ އަދި ކްރޮސް ބޯޑާ ސައިބަ ސެކިއުރިޓީގެ ނުރައްކާތައް ދެނެގަނެ ސައިބާ ސެކިއުރިޓީ އިންސިޑެންޓުތައް ހުއްޓުވޭނެ އަދި އެފަދަ ނުރައްކާތަކާއި އިންސިޑެންޓުތަކަށް ތައްޔާރުވެ، އިޖާބަ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ކަމާބެހޭ އުސޫލުތައް ބަޔާން ކުރުމަކީ ވެސް މިބިލުގެ މަގުސަދެއް ކަމަށް ވަނީ ހިމަނައިފައެވެ.
މި ބިލުން ރާއްޖޭގެ ސައިބާވެށި ރައްކާތެރި ކުރުމާ ބެހޭ ކަންކަން ރާވައި އިންތިޒާމު ކުރުމަށްޓަކައި، ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމުކޮށް އެ އެޖެންސީގެ މަސްއޫލިޔައްތުތަކާއި ބާރުތައް ކަނޑައެޅިގެންދާނެއެވެ.
ރާއްޖޭގެ ކްރިޓިކަލް އިންފޮމޭޝަން އިންފްރާންސްޓްރަކްޗާ ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތަކާ ބެހޭގޮތުން ފުރިހަމަވާންޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ވެސް ކަނޑައެޅިގެންދާނެއެވެ.
ބައިނަލް އަގްވާމީ ސައިބާސެކިއުރިޓީ ސްޓޭންޑަޑްތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން، ސައިބާ ސެކިއުރިޓީއާ ގުޅިގެން ރާއްޖޭގައި ގައުމީ ފެންވަރުގައި އަމަލު ކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅޭނެ ކަމަށާއި ދާހިލީ ކްރޮސްބޯޑާ ސައިބާ ސެކިއުރިޓީ ތުރެޓްތައް މޮނީޓާ ކުރުމަށާއި ސައިބާ ސެކިއުރިޓީ އިންސިޑެންޓްތަކަށް އިޖާބަ ދިނުމާ ބެހޭ ނިޒާމްތައް ގާއިމްކޮށް ކަމާބެހޭ އުސޫލުތައް ވެސް މި ބިލުން ކަނޑައެޅިގެންދާނެއެވެ.
މި ބިލު މުހިއްމު ވަނީ ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިއްމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައެޅިގެން ދިއުމުގެ އިތުރުން ދާހިލީ އަދި ކްރޮސްބޯޑާ ސައިބާ ސެކިއުރިޓީ ތުރެޓްތައް ދެނެގަނެ ސައިބާ ސެކިއުރިޓީ އިންސިޑެންޓްތައް ހުއްޓުވޭނެ އަދި އެފަދަ ތުރެޓްތަކާއި އިންސިޑެންޓްތަކަށް ތައްޔާރުވެ އިޖާބަ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް ކަމާބެހޭ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ އެތެރެއިންނާއި ބޯޑަރުން ބޭރުން އަންނަ ޑިޖިޓަލް ނުރައްކާތައް ވަގުތުން ދެނެގަނެވޭނެ ފަންނީ ގާބިލްކަން މި ބިލުގެ ދަށުން ތަރައްގީ ކުރެވޭނެއެވެ. ހެކް ކުރުމާއި ޑޭޓާ ވަގަށް ނެގުމާއި ސިސްޓަމްތަކަށް ގެއްލުން ދިނުން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ވަސީލަތްތައް ބޭނުން ކުރެވޭނެ ގޮތް މި ބުލުގައި ހިމަނާފައިވެއެވެ.
ބިލުން އުފައްދާ ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ހިންގާނީ ޗެއާ ޕާސަންއަކާއި ޗީފް އެގްޒެކްޓިވެއްގެ އިތުރުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ.
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ދައުލަތާއި އަމިއްލަ ދާއިރާއާ ގުޅިގެން ގައުމީ ސައިބާ ސެކިއުރިޓީ ނިޒާމެއް ގާއިމްކޮށް އެ ނިޒާމުގައި އެކި ދާއިރާތަކުގެ ބައިވެރިވުން ހިމެނޭކަން ކަށަވަރު ކުރުމެވެ.
މި ބިލުގައި ހިމަނާފައިވާ ކުށްތަކަށް 1000 ރުފިޔާއިން ފެށިގެން އެއް މިލިޔަނާ ހަމައަށް ޖޫރިމަނާގެ އަދަބު ވެސް ވަނީ ހިމަނައިފައެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗާތަކާއި އެފަދަ ސިސްޓަމްތަކާ ގުޅިފައިވާ ނެޓްވާކްތަކާއި ހިދުމަތްތަކާއި އާލާތްތައް އަދި އެފަދަ ތަންތަން އޮޕަރޭޓް ކުރާ ފަރާތްތަކާއި އެފަދަ ސިސްޓަމްތަކާއި ނެޓްވާކްތަކުގައި ރައްކާ ކުރެވޭނެ ނުވަތަ އެއިން ނަގާ ޑޭޓާގެ މައްޗަށް މި ގާނޫނު ހިނގި ނަމަވެސް ސަމާލީ ހިދުމަތްތަކުގައި ހިމެނޭ ފަރާތްތަކާއި ސިސްޓަމްތަކަށް މި ގާނޫނެއް ނުހިނގާނެއެވެ.
މި ބިލު މަޖްލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އިންފޮމޭޝަން މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް