އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އަދި ގަތަރަށް އަމާޒުކޮށް މީޑިއާތަކުން ފަތުރަމުންދާ ދޮގު އަދި އޮޅުވާލުން ބޮޑު ހަބަރުތައް އަރަބި ޕާލަމެންޓުން މިއަދު ރަސްމީކޮށް ކުށްވެރިކޮށްފިއެވެ.
އަރަބި ޕާލަމެންޓުގެ ރައީސް މުހައްމަދު ބިން އަހްމަދު އަލް ޔަމާހީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ޔޫއޭއީ އަދި ގަތަރާ ގުޅޭގޮތުން ފަތުރަމުންދާ ރިޕޯޓުތަކަކީ އެއްވެސް ހަގީގަތެއް ނެތް، ސައްހަ ނޫން މައުލޫމާތުތަކެކެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ ހަބަރުތައް ފެތުރުމުގެ މައިގަނޑު މަގުސަދަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް މި ދެ ގައުމުން އަދާކުރަމުންދާ މުހިންމު ދައުރާއި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމެވެ.
މި ދަނޑިވަޅަކީ ސަރަހައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަރަބި ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރަންޖެހިފައިވާ ވަގުތެއްކަން ފާހަގަކުރައްވައި، އަލް ޔަމާހީ ވިދާޅުވީ ހަގީގަތް އޮޅޭގޮތަށް ފަތުރާ ވާހަކަތަކުގެ ސަބަބުން ސަރަހައްދުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެކަމުގެ ސަބަބުން އުފެދޭނީ ނުތަނަވަސްކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މައްސަލަތައް ހައްލުކުރުމަށާއި ސުލްހަ ގާއިމުކުރުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ޔޫއޭއީ އަދި ގަތަރުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް އަރަބި ޕާލަމެންޓުގެ ރައީސް ވިދާޅުވިއެވެ. އަދި މީޑިއާތައް މެދުވެރިކޮށް ހިންގާ މިފަދަ ޕްރޮޕެގެންޑާ ކެމްޕޭންތަކާއި، ބައިބައިވުން އުފެއްދުމަށް ކުރާ މަސައްކަތްތައް އެ އިދާރާއިން ހަރުކަށި އިބާރާތުން ދެކޮޅުހަދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރަބި ގައުމުތަކުގެ އެއްބައިވަންތަކަމާއި، ގައުމުތަކުގެ އިސްތިގުލާލަށް އިހުތިރާމުކުރުމަކީ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމުގެ މައިގަނޑު އަސާސްކަން އަރަބި ޕާލަމެންޓުން ވަނީ ތަކުރާރުކޮށްފައެވެ.
ކުށް
ވަޒީފާގެ މައްސަލަތައް
އިރާނު-އިޒްރޭލު ހަނގުރާމަ
މަރު