މޯލްޑިވްސް ސިވިލް ސާވިސް ކޮންފްރެންސް 2026 ފަށައިފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިޔަށްގެންދާ މި ކޮންފަރެންސް ފައްޓަވައި ދެއްވީ ހަޔާ އެޑިއުކާޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޒް މުހައްމަދު މުޖުތާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު އިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރާއެކު ސިވިލް ސާވިސްގެ ހިދުމަތްތައް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ޓެކްނޮލޮޖީގެ އެހީގައި ގެންނަން ނިންމާފައިވާ ބަދަލުތަކާއި މިހާރު އެ ސާވިސްއަށް ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން މި ކޮންފްރަންސްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މުޖުތާޒް ވިދާޅުވިއެވެ.

މި އަހަރު ތީމް އަކީ "ފިއުޗާ ރެޑީ ރެސްޕޮންސިވް ގަވާނަސް، އެމްޕަވާ ޕީޕަލް، އެންބްރޭސް އެބިލިޓީ، އެންހެންސް ސާވިސަސް" އެވެ.

މި ތީމްގެ ދަށުން މައިގަނޑު އަށް ތީމްތައް:

  • ޓްރާސްފޯމިންް ގަވާނަސް
  • ސާވިސް އެކްސެލެންސް
  • ޑިޖިޓަލް ޓްރާސްފޯމޭޝަން
  • ސޭފްވޯކްސް އިނިޝިއޭޓިވް
  • މޮޑަނައިޒޭޝަން އެންޑް ރީފޯމް
  • ޑައިވާސިޓީ އެންޑް އިންކްލޫސިވް
  • މެންޓާންޝިޕް އެންޑް ކޯޗިންގް
  • ލީޑާޝިޕް ޗެލެންޖާސް

މި އަރަހުގެ ކޮންފްރެންސްގައި 18 ދިރާސާކާރުންގެ ދިރާސާ ކަރުދާސްތަކާއި ހަ މައި ތަގުގީރުކާރުންގެ ހުށަހެޅުންތައް ހުށަހަޅާނެ ކަމަށެވެ. އޭގެތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަޝްހޫރު އަދި މަގުބޫލު ހުށަހެޅުންތައް ހިމެނޭނެއެވެ.

މި ކޮންފްރެންސްގައި ސަރުކާރުގެ މައިއިދާރާތަކާއި ހޮސްޕިޓަލްތަކާއި ސިޓީކައުންސިލްތަކާއި ސްކޫލުތަކުގެ އިތުރުން ރަށު ކައުންސިލްތަކުން ބައިވެރިވެއެވެ. މި ކޮންފްރެންސްގައި 300 އަށް ވުރެއިން ބައިވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ސިވިލް ސާވިސް ކޮމމިޝަނުން ބުނެއެވެ.

ސިވިލް ސާވިސްގެ މަސައްކަތާއި އެ މުވައްސަސާއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަވަސް ފުރިހަމަ، ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ހެދުމަށް 2014 އިން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ސިވިލް ސާވިސް ކޮންފަރެންސްތަކެއް ބާއްވައެެވެ.

ފުރަތަމަ ކޮންފަރެންސްގައި 86 އެއްހާ ސިވިލް ސާވެންޓުން ބައިވެރިވިއެވެ. އެ ކޮންފްރެންސްގައި ތިން ދާއިރާއަކުން ދިހަ ކަރުދާހެއް ހުށަހެޅި ކަމަށް އެ ސާވިސްއިން ބުނެއެވެ.

އޭގެ ފަހުން ބާއްވާ ކޮންފްރެންސް ތަކުގައި ބައިވެރިން އިތުރުވެ، ކޮންފްރެންސްގެ ތީމްތަކާއި ސަބް ތީމްތައް ހަރުދަނާކޮށް، ހުށަހަޅާ ދިރާސާ ކަރުދާސްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ސިވިލް ސާވިސް އިން ބުނެއެވެ.