އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލަރ ސްވިފްޓް، އުމުރުން 36 އަހަރުގައި 'ސޯންގްރައިޓަރސް ހޯލް އޮފް ފޭމް' އިން ޖާގަ ހޯދައި، އެ ޝަރަފު ލިބުނު އެންމެ ހަގު އަންހެން ފަންނާނުގެ މަގާމު ހާސިލުކޮށްފިއެވެ. މި ޝަރަފު އޭނާއަށް ދިނީ ނިއު ޔޯކްގެ މެރިއޮޓް މާކުއީސް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މީގެ ކުރިން މި ރެކޯޑު އޮންނަނީ 1987 ވަނަ އަހަރު އުމުރުން 43 އަހަރުގައި މި ޝަރަފު ހޯދި ކެރޯލް ބޭޔަރ ސޭގަރ އަތުގައެވެ. މިޔުޒިކީ ދާއިރާގެ ތާރީހަށް ބަލާއިރު، މަޝްހޫރު ފަންނާނުން ކަމަށްވާ މަރާޔާ ކެރީ އަދި ޑޮލީ ޕާޓަންއަށް ވެސް މި ޝަރަފު ލިބިފައިވަނީ އުމުރުން 50ގެ އަހަރުތަކުގައެވެ. ނަމަވެސް، މި ހޯލް އޮފް ފޭމްއިން ޖާގަ ހޯދި އެންމެ ހަގު ފަންނާނުގެ ރެކޯޑު އަދިވެސް އޮންނަނީ 1983 ވަނަ އަހަރު އުމުރުން 32 އަހަރުގައި ޝަރަފު ހޯދި ސްޓީވީ ވޮންޑަރ އަތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސްވިފްޓް ބުނީ، ލަވަ ލިޔުމަކީ އޭނާގެ ކިބައިގައި އުފެދުމުގައި ވެސް ހުރި ހުނަރެއް ކަމަށާއި، އެކަން ކުރާނެ ގޮތް އެއްވެސް މީހަކު ދަސްކޮށްދީފައި ނުވާ ކަމަށެވެ. އޭނާގެ މިޔުޒިކީ ކެރިއަރަށްޓަކައި އާއިލާއިން ޕެންސިލްވޭނިއާއިން ނޭޝްވިލްއަށް ބަދަލުވެ، ވީ ގުރުބާނީ ފާހަގަކޮށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ސޯންގްރައިޓަރސް ހޯލް އޮފް ފޭމްގެ ޗެއަރމަން ނައިލް ރޮޖަރސް ބުނި ގޮތުގައި، މިޔުޒިކް އިންޑަސްޓްރީ ބިނާވެފައިވަނީ ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ލަވަތައް އުފައްދާ ހުނަރުވެރި ލަވަލިޔުންތެރިންގެ މައްޗަށެވެ. މީގެ އިތުރުން، މިޔުޒިކީ ދާއިރާގެ ތަޖުރިބާކާރުންނާއި ހޯލް އޮފް ފޭމްއިން ފާހަގަކޮށްފައިވާ ގޮތުގައި، ސްވިފްޓްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ތަފާތު އެކި ޖޯންރާތަކަށް ފަރިތަކަމާއެކު ލަވަތައް އުފެއްދުމުގެ ގާބިލުކަން ހުރުމެވެ.

ފަންނާނުންނަށް މި ޝަރަފު ލިބެނީ އެމީހެއްގެ ފުރަތަމަ ލަވަ ނެރޭތާ 20 އަހަރު ފުރިހަމަވުމުންނެވެ. ސްވިފްޓްގެ ފުރަތަމަ ލަވަ “ޓިމް މެކްގްރޯ” ނެރެފައިވަނީ 2006 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މިއަހަރުގެ ރަސްމިއްޔާތުގައި ސްވިފްޓްގެ އިތުރުން، ކިސް ބޭންޑުގެ ޖީން ސިމޮންސް އާއި ޕޯލް ސްޓޭންލީ، އަދި ކެނީ ލޮގިންސް ފަދަ ފަންނާނުންނަށް ވެސް ވަނީ މި ޝަރަފު ދީފައެވެ.