މީގެ 16 އަހަރު ކުރިން 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ހުޅުވި މެޗުގައިވެސް ވާދަކުރީ މެކްސިކޯއާއި ދެކުނު އެފްރިކާއެވެ. 104 މެޗުގެ ތާރީހީ ބޮޑު ވޯލްޑް ކަޕް މިރޭ ކޯ ހޯސްޓް މެކްސިކޯގެ މެކްސިކޯ ސިޓީގައި ފަށާ އިރު، ހަނދާންތައް ގޮސް ހުއްޓެނީ ވުވުޒެލާގެ އަޑަށެވެ. އޭރު ތަފާތަކަށްވީވެސް އެކަމެވެ. އެއީ ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕެވެ. މެކްސިކޯއާއި ދެކުނު އެފްރިކާ އެފަހަރު ވާދަކުރީ ޖޮހަނެސްބާގުގެ ސޮކާ ސިޓީ ސްޓޭޑިއަމްގައެވެ.

މެޗުގައި އެ ވޯލްޑް ކަޕްގެ ފުރަތަމަ ގޯލް ފެނިގެން ދިޔައެވެ. އެ ގޯލް ޖަހައިދިނީ ދެކުނު އެފްރިކާގެ ސިފީވޭ ޝަބަލާލާއެވެ. އެ ގޯލަކީ ވޯލްޑް ކަޕެއްގެ ފުރަތަމަ ގޯލަކަށް ފެނުނު އެންމެ ހިތްގައިމު ގޯލެވެ. އެ މެޗުގައި ކޮމެންޓްރީ ދެމުންދިޔަ ޕީޓާ ޑްރޫރީއަށްވެސް އެއީ ކެރިއަރުގައި އެންމެ ހަނދާންވާ ގޯލެވެ. މުޅި ސްޓޭޑިއަމަށް އެ ގެނުވި އުފާވެރިކަމާއެކު އޭނާވެސް ދިިޔައީ ޖަޒުބާތުން ފުރިގެންނެވެ. އެ ހަނދާން ހުންނާނެ އެތައް ދިވެހީންނެވެސް އުޅޭނެކަން ޔަގީނެވެ.

އެ މެޗުގެ ރިޕްލޭއަކަށް މިރޭ އަނެއްކާވެސް ތައްޔާރުވެއްޖެއެވެ. މެކްސިކޯ ސިޓީގެ ތާރީހީ އެސްޓާޑިއޯ އަޒްޓޭކާގައެވެ. މެކްސިކޯގެ ހޯމްގައެވެ. އެގައުމަށް މިރޭ ލިބޭނެ ޝަރަފަކީ ތިން ވޯލްޑް ކަޕެއް ހޯސްޓް ކުރި ހަމައެކަނި ގައުމަށްވުމުގެ ޝަރަފެވެ. އެއާއެކު ދެން އޮތީ ޕްރެޝަރެކެވެ. މީގެ ކުރިން އަމިއްލަ ގައުމުގައި މެކްސިކޯއިން ކުޅުނު ދެ ވޯލްޑް ކަޕުގައިވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔައެވެ. އަދި 2022 ވަނަ އަހަރުގެ ކުރިން ހަތް ވޯލްޑް ކަޕްގައި އެކަން ކުރި މެކްސިކޯއަށް އެ ފުރުސަތު ގެއްލުނީ އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕުންނެވެ.

އެހެންކަމުން އެކަން އެއީ ޕްރެޝަރަކަށްވާނެއެވެ. އޮތް ފައިދާއަކީ އަމިއްލަ ގައުމުގެ، އަމިއްލަ ސަޕޯޓަރުންގެ ފޯރިއާ ޖޯޝުގެ ފޯރިއެވެ. އަދި މެޗު ކުޅެނީ 2،200 މީޓަރު މަތީގައި ކަމަށްވުމަކީވެސް މެކްސިކޯއަށް ފައިދާއަކަށް ވެދާނެއެވެ.

މެކްސިކޯއިން ކުޅުންތެރިން ސައިކޮލޮޖިކަލީ ފިޓް ކުރަން މަސައްކަތްތަކެއް

މެކްސިކޯގެ ކޯޗު އަގޭރީ ---

އަމިއްލަ ގައުމުގައި ކުޅޭ ވޯލްޑް ކަޕަށް ތައްޔާރުވާ މެކްސިކޯއިން ތައްޔާރުވަމުން ދަނީ ހަމައެކަނި ޓެކްޓިކަލީއެއް ނޫނެވެ. ކޯޗު ހާވިއޭ އަގޭރީ ދަނީ ކުޅުންތެރިން މެންޓަލީ ހޭނުމަށްވެސް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އަމިއްލަ ގައުމުގައި މީގެ ކުރިން 1970 އަދި 1986 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދިޔަ ދަތުރު ހަނދާން ކޮށްދޭން 1986 ވަނަ އަހަރު ޓީމުގައި ހިމެނުނު ހޫލިއޯ ސެޒާ ޗާވޭޒް ލައްވާ ޓީމަށް ހިތްވަރުވެސް ދީފައިވެއެވެ.

މެކްސިކޯއަށް މިވަގުތު އޮތް އެންމެ ބޮޑު ޕްރެޝަރަކީ "ފަސްވަނަ މެޗު" ފަހަނައަޅައި ދިޔުމެވެ. އެއީ 1994 އިން 2022 ވަނަ އަހަރާ ހަމައަށް ގަދަ 16 އިން ސަލާމަތް ނުވެ އޮތުމުން އެކަމަށް އެގައުމު އެދޭ އެދުމެކެވެ.

"އަހަރެމެން ދިޔައިން އަނަތުރަޕޮލޮޖީ ދާރުލްއާސާރަށްވެސް. އެއީ ކުޅުންތެރިންނަށް ތަފާތު ތަޖުރިބާއެއް. އެކަމުން ކުޅުންތެރިންނަށް ހަނދާން ކޮށްދެނީ އަމިއްލަ ފަސްގަނޑު. އަމިއްލަ ވަޒަން. އަދި ގައުމީ ޖޯޝު. ކުޅުންތެރިންނަށް އެކަމުން ކުރި އަސަރާއެކު އަހަންނަށް ފެނުނު އެއީ ކާމިޔާބު ޒިޔާރަތެއްކަން،" ކޯޗު އަގޭރީ ބުންޏެވެ.

މީގެ ކުރިން ސްޕެއިނާއި އެކުއެޑޯއަށް އަދި މެކްސިކޯއަށް ސައިކޮލޮޖިކަލީ އެހީވެދިން ސައިކޮލޮޖިސްޓް، 22 އަހަރު މަޓެއޯ ޗާވޭޒްވެސް މެކްސިކޯއިން ވަނީ އަލުން ޓީމަށް ގެނެސްފައެވެ. އެއީ އެގައުމުން މެންޓަލީ ފިޓްވުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.

ދެކުނު އެފްރިކާ ކޯޗަށް 40 އަހަރު ކުރީގެ ހަނދާންތަކެއް

ދެކުނު އެފްރިކާގެ ކޯޗު ބްރޫސް ---

ދެކުނު އެފްރިކާގެ ކޯޗު، ހޫގޯ ބްރޫސްއަށް އަޒްޓެކާ ސްޓޭޑިއަމުން ގެނެސްދެނީ 40 އަހަރު ކުރީގެ ހަނދާންތަކެކެވެ. އޭނާ ވަނީ އެ ދަނޑުގައި 40 އަހަރު ކުރިން ވޯލްޑް ކަޕްގައި ބެލްޖިއަމާއި މެކްސިކޯ ވާދަކުރި މެޗުގައި ކުޅެން ފުރުސަތު ލިބިފައެވެ. ބެލްޖިއަމަށް ނިސްބަތްވާ ބްރޫސް އެފަހަރުވެސް މެކްސިކޯއާ ދެކޮޅަށް ނުކުތީ ހުޅުވި މެޗުގައެވެ. ވީ 2-1 އިން ބައްޔެވެ.

"އެއީ އަހަރެން ދުވަހަކުވެސް ހަނދާން ނެތިގެން ދާނެ ވަގުތެއް ނޫން. 40 އަހަރު ކުރިން ކުޅުނު އެމެޗަކީ އަހަންނަށް ވޯލްޑް ކަޕްގެ ހާއްސަކަން އިހުސާސް ކޮށްލަން ލިބުނު މެޗެއް. 110،00 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު އެމެޗަކީ ހަނދާނުން ނުފޮހެވޭނެ މެޗެއް،" ބްރޫސް މިރޭގެ ހުޅުވާ މެޗުގެ ކުރިން ބުންޏެވެ.

އުމުރުން 74 އަހަރުގެ ބްރޫސްއަކީ ވޯލްޑް ކަޕްގައި ފެނިގެންދާނެ އެންމެ ދުވަސްވީ އެއް ކޯޗެވެ. އޭނާއަށްވުރެ ދުވަސްވީ ކޯޗަކީ 78 އަހަރުގެ ކިއުރަސާއޯ ކޯޗު، ޑިކް އެޑްވޮކާޓެވެ. ބްރޫސް ބުނީ ފުޓުބޯޅައިން ދުރަށް ޖެހެން އެތައް ފަހަރަކު ވިސްނި ނަމަވެސް، އަބަދުވެސް ނިންމުން ނިންމަން ނުކުރި ހުންނަނީ ވާ ލޯބީގެ ބޮޑުކަމުން ކަމަށެވެ.

މިރޭގެ މެޗަށް ފެވަރިޓަކީ މެކްސިކޯ ނަމަވެސް، ބްރޫސްގެ ނަޒަރުގައި އެއީ ދެކުނު އެފްރިކާއަށް ލިބޭ ފައިދާއެކެވެ.

މެކްސިކޯއާއި ދެކުނު އެފްރިކާގެ މެޗުން މިރޭ ވޯލްޑް ކަޕް ފަށާނީ ރާއްޖެ ގަޑިން 12:00 ގައެވެ.