ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ކުރެއްވި ތުހުމަތުތައް ހޯމް މިނިސްޓަރު އަލީ އިހްސާން ދޮގުކުރައްވައިފިއެވެ.

ޝަމްއާން އިއްޔެ ވަނީ އޭނާއަށް އުފުލާފައިވާ ދައުވާތަކަކީ ހޯމް މިނިސްޓަރު އަލީ އިހްސާން އަޑީގައި ހުންނަވައިގެން އޭނާ ފްރޭމް ކުރުމަށް އުފުލި ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އަގު ނަގައިގެން މިނިސްޓަރު ކޯޓާ ވިއްކި ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

އެކަމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން ކުރިންވެސް މީޑިއާއަށް ތިލަކޮށްދީފައިވާނެ ކަމަށެވެ.

"ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން. މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު. މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑުވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި،" އިހުސާން ވިދާޅުވިއެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ އެއް ދައުވާ ސާބިތުވެ އޭނާ އިއްޔެ ވަނީ 25 އަހަރަށް ޖަލަށް ލައިފައެވެ.