މައުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާ ގުޅިފައިވާ ސަރުކާރެއްގެ ތަނބުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ވުޒާރާތަކުން އިސްވެ މައުލޫމާތު ހާމަކޮށް، އެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާފައިވާކަން ފާހަގަކުރައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ މިއީ މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނު 2014ގައި ވުޖޫދުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު އާންމު ކުރަންޖެހޭ މިންގަނޑަށް ސައްތައިންސައްތަ އަމަލުކުރި ފުރަތަމަ ފަހަރު ކަމަށެވެ.
ރައީސް ވިދާޅުވީ، ކުރިން އާންމު ނުކުރާ ވަރަށް ގިނަ މައުލޫމާތު މިހާރު އާންމު ކުރެވިފައިވާ ކަމަށާއި މިއީ، މައުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަން ބޮޑު ވެއްޓެއް ގާއިމްކޮށް، ދައުލަތުގެ އިދާރާތައް ޒިންމާދާރު ކުރުވުމުގައި ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޓްރާންސްޕޭރަންސީ އަކީ ހަމައެކަނި ސިޔާސަތުގެ އަމާޒެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ އިތުބާރާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމުގެ އަސާސެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސިފަކުރެއްވި ގޮތުގައި މައުލޫމާތު ލިބިގަތުމަކީ ހާމަކަން ބޮޑު، ޒިންމާދާރު، ރައްޔިތުންނާ ގުޅިފައިވާ ސަރުކާރެއްގެ ތަނބު ކަމަށެވެ.
ރައީސް ވަނީ މި ކާމިޔާބީއަށް ވާސިލުވުމުގައި ހަރަކާތްތެރިވި އިދާރާތަކާއި މުވައްޒަފުންގެ މަސައްކަތަށް މަރުހަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރެއިން އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ފުޅާކުރުމާއި ވެރިކަން ހިންގުމާއި ނިންމުންތައް ނިންމުމުގައި މަދަނީ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާއި ޖަވާބުދާރީވުން ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނޭ ކަމަށާއި ހާމަކަން ބޮޑު، ރައްޔިތުންނާ ގުޅިފައިވާ ސަރުކާރެއް ހިންގެވުމަށް އިސްކަންދެއްވާ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު