މާލޭގެ މައި ވިޔަފާރި ބަނދަރަށް އެތެރެކުރާ ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ އާ ނިޒާމެއް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ގާއިމްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ކަސްޓަމްސް ގުޅިގެން މާލޭ ވިޔަފާރި ބަނދަރުގައި "ފުލް ކޮންޓެއިނާ ސްކޭނަރެއް" ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ނިމުމުން، ކޮންޓެއިނަރުތައް ނުކަނޑައި އޭގެ އެތެރޭގައި ހުރި ތަކެތި ފަސޭހަކަމާއެކު ބަލައި ފާސްކުރެވޭނެކަމަށް އިހުސާން ވިދާޅުވިއެވެ.
"ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނާ ސްކޭނާއެއް އިންސްޓޯލް ކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ހަތަރު ވަރަކަށް މަސް ތެރޭގައި ބެލެވެނީ އެކަންވެސް ނިމިގެންދާނެ" އިހުސާން ވިދާޅުވިއެވެ.
އެ ނިޒާމުގެ ސަބަބުން ރާއްޖެއަށް ވަގަށް އެތެރެކުރާ މަސްތުވާތަކެއްޗާއި ދުންފަތުގެ ބާވަތްތައް އަތުލައިގަތުން ފަސޭހަ ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް އިހުސާން ވިދާޅުވިއެވެ.
މިހާރުވެސް އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ގަވާއިދާ ހިލާފަށް އެތެރެކުރާ ތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، އާ ސްކޭނަރު ބޭނުންކުރަން ފެށުމުން ބަނދަރުގެ ފާސްކުރުންތައް މިހާރަށްވުރެ ފުރިހަމަވެ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން