އެމެރިކާ މެދުވެރިވެގެން ލުބުނާނާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް، މިއަދު އިސްރާއީލުން ލުބުނާނަށް ދިން ވައިގެ ހަމަލާތަކެއްގައި ހަ މީހަކު ޝަހީދުކޮށްލައިފިއެވެ.

ލުބުނާނުގެ ދެކުނުގައި އޮންނަ ހަނޫފް އަވަށުގައި ހުންނަ އިސްލާމިކް ހެލްތު ކޮމިޓީގެ މަރުކަޒަކަށް އަމާޒުކޮށް އިސްރާއީލުން ދިން މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ސިއްހީ އެހީތެރިންގެ ތިން މީހަކު ހިމެނޭ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ހަމަލާގައި އިތުރު 22 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މީގެ އިތުރުން، ޓަޔަރ ސިޓީއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި 37 މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ހޮސްޕިޓަލުގެ ހަ މުވައްޒަފަކާއި، ނުވަ އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނެއެވެ. މި ހަމަލާތައް ދީފައިވަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލު އަސްކަރިއްޔާއިން އިންޒާރު ދިނުމަށް ފަހުގައެވެ.

އެމެރިކާގެ ވޮޝިންޓަންގައި ދެ ދުވަސް ވަންދެން ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރު 45 ދުވަހަށް ދަންމާލަން އެއްބަސްވިކަން އެމެރިކާއިން އިއުލާނުކުރީ ހުކުރު ދުވަހުއެވެ. ނަމަވެސް، މި އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ ފަރާތުން ވެސް ވަނީ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ ގައުމުން އަމާޒުކުރަމުންދަނީ ހިޒްބުﷲގެ އުމްރާނީ ވަސީލަތްތަކަށާއި ހަނގުރާމަވެރިންނަށެވެ. އަނެއްކޮޅުން، އިސްރާއީލުގެ އުތުރުގައި އޮންނަ ކިރްޔަތު ޝްމޯނާގައި ހުންނަ އިސްރާއީލު ސިފައިންގެ މަރުކަޒަކަށް ޑްރޯން މެދުވެރިކޮށް ހަމަލާދީފައިވާނެ ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ. ހިޒްބުﷲ އިން ބުނެފައިވަނީ މިއީ އިސްރާއީލުން އެއްބަސްވުމާ ހިލާފުވަމުންދާތީ ދިން ރައްދު ހަމަލާއެއް ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެކެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައެއް ގާއިމުކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އދ. އިން ލުބުނާނަށް ކަނޑައަޅާފައި ހުންނަވާ އިންސާނީ އެހީތެރިކަމާ ބެހޭ ކޯޑިނޭޓަރު އިމްރާން ރިޒާ ވަނީ، އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ހަމަނުޖެހުންތައް ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ބޭނުން ހިފުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.