ރާއްޖެއަކީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުރިހަމައަށް ބަލަހައްޓާ އެއް ގައުމަށް، މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ހަދާނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ހުރިހާ މީހުން ހޯދައި، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ "އޮޕަރޭޝަން ކުރަނގީ" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރެވޭ މަސައްކަތުން، ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި، މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ވަނީ އަމާޒު ހިފާފައި ކަމަށެވެ. އަދި މި ދައުރު ނިމޭއިރު، ރާއްޖެއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ބިދޭސީންގެ ކަންކަން އެންމެ ނަމޫނާ ގޮތެއްގައި ބަލަހައްޓާ ގައުމެއްގެ ގޮތުގައި ކަނޑައެޅިގެންދާނެކަމަށް އިހުސާން ވިދާޅުވިއެވެ.

ދުނިޔޭގެ ނިސްބަތުން އެކަން އެންމެ ރަނގަޅަށް ކުރާ ސިންގަޕޫރު ފަދަ ގައުމުތަކުގެ މިންގަނޑަށް ރާއްޖެ ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ދެ ޕަސެންޓަށް މި ވެއްޓުނީ. އެއްވެސް ވަރަކަށް ދައުލަތަށް ނުފެނި، ޑޮކިއުމެންޓްތައް ދިމާނުވާ މީހުން، އޭތި އެއް ޕަސެންޓަށް ދަށްކުރުމަކީ ޓާގެޓަކީ" އިހުސާން ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ކާކުކަން ނޭނގޭ ގާތްގަނޑަކަށް ތިންލައްކައެއްހާ ބިދޭސީން ތިބިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، މިހާރު ކުރިއަށްދާ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތުގެ ތެރެއިން، މި މަހުގެ އެެއް ވަނަ ދުވަހާ ހަމައަށް 98 ޕަސަންޓް މީހުންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.

އެ އޮޕަރޭޝަންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކުގައި ބަޔޯމެޓްރިކްސް ނެގޭނެ ނިޒާމު ގާއިމުކޮށްފައިވާއިރު، އެ މައުލޫމާތުގެ އެހީގައި ބިދޭސީންގެ ފުރިހަމަ މައި ދަފްތަރެއް އެކުލަވާލުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.