ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފައްދައި، ރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ސައިބާ ސެކިއުރިޓީގެ ބިލު މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ނާސިހް އެވެ.
މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލުގައި ބަޔާންކޮށްފައި ވަނީ ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ އަދި ޓަކައި ދައުލަތުގެ އަދި އަމިއްލަ އިދާރާގައި ހިމެނޭ އުމްރާނީ މުހިންމު ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަނޑައެޅުން ކަމަށާއި ދާހިލީ އަދި ކްރޮސް ބޯޑާ ސައިބަ ސެކިއުރިޓީގެ ނުރައްކާތައް ދެނެގަނެ ސައިބާ ސެކިއުރިޓީ އިންސިޑެންޓުތައް ހުއްޓުވޭނެ އަދި އެފަދަ ނުރައްކާތަކާއި އިންސިޑެންޓުތަކަށް ތައްޔާރުވެ، އިޖާބަ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ކަމާބެހޭ އުސޫލުތައް ބަޔާން ކުރުމަކީ ވެސް މިބިލުގެ މަގުސަދެއް ކަމަށް ވަނީ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވަމުން މެންބަރު ހުސެިން ނާސިހު ވިދާޅުވީ، މި ބިލުން ރާއްޖޭގެ ސައިބާވެށި ރައްކާތެރި ކުރުމާ ބެހޭ ކަންކަން ރާވައި އިންތިޒާމު ކުރުމަށްޓަކައި، ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމުކޮށް އެ އެޖެންސީގެ މަސްއޫލިޔައްތުތަކާއި ބާރުތައް ކަނޑައެޅިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ކްރިޓިކަލް އިންފޮމޭޝަން އިންފްރާންސްޓްރަކްޗާ ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތަކާ ބެހޭގޮތުން ފުރިހަމަވާންޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބައިނަލް އަގްވާމީ ސައިބާސެކިއުރިޓީ ސްޓޭންޑަޑްތަކާއި ބެސްޓް ޕްރެކްޓިސް ތަކާ އެއްގޮތްވާ ގޮތުގެމަތިން، ސައިބާ ސެކިއުރިޓީއާ ގުޅިގެން ރާއްޖޭގައި ގައުމީ ފެންވަރުގައި އަމަލު ކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅޭނެ ކަމަށާއި ދާހިލީ ކްރޮސްބޯޑާ ސައިބާ ސެކިއުރިޓީ ތުރެޓްތައް މޮނީޓާ ކުރުމަށާއި ސައިބާ ސެކިއުރިޓީ އިންސިޑެންޓްތަކަށް އިޖާބަ ދިނުމާ ބެހޭ ނިޒާމްތައް ގާއިމްކޮށް ކަމާބެހޭ އުސޫލުތައް ވެސް މި ބިލުން ކަނޑައެޅިގެންދާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ މި ބިލު މުހިއްމު ވަނީ ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިއްމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައެޅިގެން ދިއުމުގެ އިތުރުން ދާހިލީ އަދި ކްރޮސްބޯޑާ ސައިބާ ސެކިއުރިޓީ ތުރެޓްތައް ދެނެގަނެ ސައިބާ ސެކިއުރިޓީ އިންސިޑެންޓްތައް ހުއްޓުވޭނެ އަދި އެފަދަ ތުރެޓްތަކާއި އިންސިޑެންޓްތަކަށް ތައްޔާރުވެ އިޖާބަ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް ކަމާބެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، ގައުމެއްގެ އިގުތިސޯދީ އަދި އިޖުތިމާއީ ދިރުން، ގައުމުގެ އުމްރާނީ މުހިއްމު ވަސީލަތްތަކުގެ މައްޗަށް ބިނާވެގެންވާ އިރު، ބޭންކިން ހިދުމަތާއި ކަރަންޓާއި ފެނުގެ ނިޒާމާއި ސިއްހީ ހިދުމަތާއި މުވާސަލާތީ ވިއުގަ ބިލުގައި ހިމެނޭ ކަމަށެވެ. އަދި އެ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކަކީ ވަރުގަދަ ސަލާމަތީ މިންގަނޑުތަކެއްގެ މައްޗަށް ބިނާވެފައިވާ ސިސްޓަމްތަކެއްކަން މި ބިލުން ކަށަވަރު ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ސޯޝަލް ސައިބާ ހަމަލާތަކަކީ ވަކި ސަރަހައްދަކަށް އިންވެގެންވާ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ އެތެރެއިންނާއި ބޯޑަރުން ބޭރުން އަންނަ ޑިޖިޓަލް ނުރައްކާތައް ވަގުތުން ދެނެގަނެވޭނެ ފަންނީ ގާބިލްކަން މި ބިލުގެ ދަށުން ތަރައްގީ ކުރެވޭނެ ކަމަށާއި ހެކް ކުރުމާއި ޑޭޓާ ވަގަށް ނެގުމާއި ސިސްޓަމްތަކަށް ގެއްލުން ދިނުން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ވަސީލަތްތައް ބޭނުން ކުރެވޭނެ ގޮތް މި ބުލުގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބިލުން އުފައްދާ ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ހިންގާނީ ޗެއާ ޕާސަންއަކާއި ޗީފް އެގްޒެކްޓިވެއްގެ އިތުރުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ.
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ދައުލަތާއި އަމިއްލަ ދާއިރާއާ ގުޅިގެން ގައުމީ ސައިބާ ސެކިއުރިޓީ ނިޒާމެއް ގާއިމްކޮށް އެ ނިޒާމުގައި އެކި ދާއިރާތަކުގެ ބައިވެރިވުން ހިމެނޭކަން ކަށަވަރުކުރުމެވެ.
މި ބިލުގައި ހިމަނާފައިވާ ކުށްތަކަށް 1000 ރުފިޔާއިން ފެށިގެން އެއް މިލިޔަނާ ހަމައަށް ޖޫރިމަނާގެ އަދަބުވެސް ވަނީ ހިމަނައިފައެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗާތަކާއި އެފަދަ ސިސްޓަމްތަކާ ގުޅިފައިވާ ނެޓްވާކްތަކާއި ހިދުމަތްތަކާއި އާލާތްތައް އަދި އެފަދަ ތަންތަން އޮޕަރޭޓް ކުރާ ފަރާތްތަކާއި އެފަދަ ސިސްޓަމްތަކާއި ނެޓްވާކްތަކުގައި ރައްކާ ކުރެވޭނެ ނުވަތަ އެއިން ނަގާ ޑޭޓާގެ މައްޗަށް މި ގާނޫނު ހިނގި ނަމަވެސް ސަމާލީ ހިދުމަތްތަކުގައި ހިމެނޭ ފަރާތްތަކާއި ސިސްޓަމްތަކަށް މި ގާނޫނެއް ނުހިނގާނެއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު