ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީ ލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުއްވައި، ކަންބޮޑުވުންތަކާއި ޝުއުރުތައް އަޑުއައްސަވާފައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރާއްޖެއާއި ލަންކާއާ ދެމެދު ފަރުދީ ފެންވަރުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ލަންކާގެ ސަރުކާރާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި، ވިސާއާ ގުޅުންހުރި މައްސަލަތައް ފަދަ، އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާމެދު ވާހަކަދެކެވުނުކަން އެ މަނިކުފާނު ހާމަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ދެފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުން އެ ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ގާއިމުކުރުމާއި، މިފްކޯގެ އުފެއްދުންތައް ލަންކާއަށް ތައާރަފުކޮށްފައިވާ ކަމަށެވެ.

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.