މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން، މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު މައްޗަށް ދިޔައިރުވެސް ދިވެހި މަސްވެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖު ކުރަމުން ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ މައްސަލައާ ގުޅިގެން ތެޔޮ ލިބުން ދަތިވެ މަސްވެރިކަމަށް ނުނިކުމެވި ރާއްޖޭގެ މަސްވެރިކަން ހުއްޓެމުއްދާ ކަމަށް ބުނެ، ބައެއް މީޑއާތަކުން ފަތުރަމުންގެންދާ ހަބަދުތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފަދަ ހަބަރުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

މި ދަނޑީވަޅުގައި ވެސް ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް ސަރުކާރުން މެނޭޖު ކުރަމުން ދާތީ މަސްވެރިން ޝުކުވެރިކަމާއެކު އެކަން ބަލައިގަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު މުޅިރާއްޖެއަށް ވެސް އެންވެރިކަން ރަނގަޅުވާންފެށުމާ އެކު މަސްވެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން،"

އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށާއި މިހާލަތުގައިވެސް ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން ގާތުން ބަލައި މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން ކަމަށްވެސް ވިދާޅުވިއެވެ.

އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.