ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވީ 2025 ޖުލައި 26 ގައެވެ.

މި ޓާމިނަލް ހުޅުވިގެން ދިއުމާއެކު މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފައެވެ.

ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރާ ގޮތަށް ހަމަޖެއްސީ މި އަހަރުގެ ފެބްރުއަރީ 17 ގައެވެ. މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްވަނީ ބަންދުކޮށްފައެވެ. ޑޮމެސްޓިކް ދަތުރުތަކަށް ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ވިލާ އެއާ އިންނެވެ.

އާ ޑިޕާޗާ ޑޮމެސްޓިކް ޓާމިނަލް:

ޑޮމެސްޓިކް ދަތުރުތައް، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ދޭން ފެށުމުން، ގެނައި ބަދަލުތައް ފުރިހަމަވެފައި ހިދުމަތް އަވަހެވެ. 27 ކައުންޓަރު ހުރެއެވެ. އެތަނުގައި އެމްއޭސީއެލްގެ މުވައްޒަފުންގެ ފަރިތަ އަތްތަކުންދޭ ހިދުމަތްތައް އަވަހެކެވެ. ކިއުގައި މަޑުކުރާން ޖެހޭ ވަގުތު ކުޑައެވެ.

އެ އޭރިޔާވަނީ ތިން ބެލްޓް ތަކަށް ބެހިފައެވެ. އެއީ ބެލްޓް އެކެއްގައި ނުވަ ކައުންޓަރެވެ. ދެ ވަނަ ބެލްޓްގައި ހުންނަނީ 10 އިން 18 އާ ހަމަޔަށް ކައުންޓަރުތަކެވެ. އަދި ބެލްޓް ތިނެއްގައި 19 އިން 27 އާ ހަމަޔަށް ކައުންޓަރުތައް ވަނީ އަތުރާލައިފައެވެ.

ގޭޓުތައް ގިނަވުމުން، ޗެކިންވާންޖެހޭ ވަގުތުގައި ލައިނުގައި، ތޮއްޖެހުން ކުޑައެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހައެވެ. ތުއްތު ކުދީންގެ ނެޕީ ބަދަލުކުރުން ފަދަ ކަންކަމަށް މިހާރު ފަސޭހައެވެ. ޑޮމެސްޓިކް ޓާމިނަލުގައި ފީޑިން އަށް ވަކީން ހާއްސަ ކޮޓަރިއެއް ހުރުމަކީ ޔަގީންނުންވެސް މަންއިންނާއި ބެލެނިވެރިންގެ ހިތްތަކަށް ލިބުން ފިނިކަމެކެވެ.

އަންހެނުންނަށް ވަކީން ފަސް ފާހަނައާއި ފިރިހެނުންނަށް ވަކީން ފަސް ފާހަނާ ހުރެއެވެ. ކޮންމެ ފާހަނާއެއްގެ ތެރޭގައި ވުޟޫކުރާން ވަކީން ހާއްސަ ދެ ސިންކެއް ވަނީ ބަހައްޓާފައެވެ.

ނަމާދުކުރާން ހުންނަ ވަކި ޖާގައަކީވެސް ޑޮމެސްޓިކް ޓާމިނަލަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ. މިނޫނަސް އެ ތަނުން ލިބޭ އިތުރު ހިދުމަތްތަގެތެރޭގައި ދިވެހީންނަށް އިންޓަނޭޝަނަލް ބްރޭޑުގެ ރަހަތައް ބަލައިލަން ލިބެއެވެ.

އޭގެ އިތުރުން އާ ޑިޕާޗާ ޑޮމެސްޓިކް ޓާމިނަލުގެ ތެެރެއަށް ވަދެގެންދާއިރު އެތަނުގެ ކަނާއަތްފަޅީގައި 3 އެއާލައިންގެ ޓިކެޓު ކައުންޓަރު ހުރެއެވެ. އެއީ ބެލްޓް ނަމްބަރު 27 އާ ދިމާލަށް ހުންނަ ޓިކެޓިން ކައުންޓަރުތަކެވެ. އެ ތަނުން މޯލްޑިވިއަން މަންޓާ އަދި ވިލާ އެއާ ޓިކެޓް ބުކް ކުރުމުގެ ހިދުމަތްތައް ލިބެއެވެ. އެ އޭރިޔާއަށް ވަދެވެނީ ފުރާ ޕަސިންޖަރުންނަށެވެ. ޗެކިން އޭރިއާގައި ހުންނަނީ ވަކިން ވަދެވޭގޮތަށެވެ.

ޑޮމެސްޓިކް އެރައިވަލް ޓާމިނަލް 2:

މިހާރުގެ ޑޮމެސްޓިކް އެރައިވަލް ޓާމިނަލަކީ އެތަނަކަށް ވަދެވުމުން އެއީވެސް ހިތްގައިމު ތަނެކެވެ. ބޮޑު ދެ ލަގެޖް ރޭންކެވެ. ލަޖެގް ނަގާ ތަނަކީވެސް އެތަނުގެ ވަށައިގެން މީހުނަށް ފަސޭހަކަމާއެކު ތިބެވޭނެ، ޖާގަ ތަނަވަސް ތަނެކެވެ. އެތަން ބޮޑަށް ވައްތަރުވަނީ ކުޑަކުދީންނަށް މިނިވަންކަމާއެކު ދުވެ އުޅޭވޭނެ ރައްކާތެރި މާހައުލެއްގެ ސިފައިގައެވެ. ސާފު ވެފައި، ލޮލަށް ފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. ކުޑަކުދީން ދުވެހެދިކަމުގައި ވިޔަސް އެތަނުގެތެރޭގައި ދައްޗެއް ނެތެވެ.

9 އޭޕްރިލް 2026، ވީއައިއޭ، ވީއައިއޭގެ އާ ޑޮމެސްޓިކް ޓާމިނަލް މީޑީއާތަކަށް ދައްކާލުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެތަނުގެ ތެރޭގައި ލަގެޖެއް ގެއްލުނު ނަމަވެސް ފަސޭހައިން ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. އެއީ ޑޮމެސްޓިކް އެރައިވަލް ޓާމިނަލް ތެރޭގައި ގާއިމްކޮށްފައިވާ ބެގެޖު ކަލެކްޝަން ކައުންޓަރުންނެވެ. މިއީ ފްލައިޓްތަކުގެ އޮޕަރޭޝަންސްތައް އޮންނަ ކޮންމެ ވަގުތެއްގައިވެސް ހިދުމަތް ލިބޭ ކައުންޓަރެކެވެ. އެމްއޭސީއެލްގެ މުވައްޒަފުން އަބަދުވެސް ތިބެނީ ތައްޔާރީގައެވެ.

މިތަނުގައިވެސް އަންހެނުންނަށް އަދި ފިރިހެނުންނަށް ވަކީން ފާހަނާ ހުރެއެވެ. ކޮންމެ ބަޔަކަށް ފަސް ފާހަނާ ހުރެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޓެކްސީއާ ހަމަޔަށް ގެންދަން ވީލްޗެއާ ހުރެއެެވެ. ޓެކްސީ ކިޔުވެސް މި ޓާމިނަލާ ވަރަށް ކައިރިއެވެ. 10 މިނެޓްތެރޭ އައިސް ލަގެޖް ނަގައިގެން ރައްކާތެރިކަމާއެކު ޓެކްސީއެެއްގައި ދާން ވާ މަންޒިލަކަށް ދިއުމަށް އެއްގަމުން ދަތުރު ފެށޭނެއެވެ.

9 އޭޕްރިލް 2026، ވީއައިއޭ، ވީއައިއޭގެ އާ ޑޮމެސްޓިކް ޓާމިނަލް މީޑީއާތަކަށް ދައްކާލުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ޓެކްސީ ކިއު ތަރުތީބުވެފައި ޑްރައިވަރުންވެސް، ކެތްތެރިކަމާއެކު އަވަސް ހިދުމަތް ފޯރުކޮށްދެއެވެ. ޓެކްސީއަށް ކުރީން މަޑުކުރާން ޖެހޭ މަޑުކުރުން ނުވަތަ ލަޖެގު ހިފައިގެން ވަކި ސަރަހަދައްކުން ޓެކްސީ ހޯދުންވެސް މިހާރު އެމްއޭސީއެލުން މިވަނީ ނިމުމަކަށް ގެނެސްފައެވެ.

ކަމެއް ދިމާވުމުން އެހީއަށް ބޭނުންވާ ހާލަތްތަކުގައި ހެލްތް ކެއާ އަދި ޕޮލިސް ސްޓޭޝަންގެ ހިދުމަތް ލިބޭނެ އިންތިޒާމަ ހަމަޖެހިފައިވެއެވެ. އެއީ ކުރީގެ އިންޓަނޭޝަނަލް ޑިޕާޗާ މިހާރުގެ ޑޮމެސްޓިކް ޑިޕާޗާއަށް ވަންނަ ދޮރުގެ ކަނާތްފަޅީގައި ގާއިމްކޮށްފައިވާ ޓުއަރިސްޓް ޕޮލިސް އަދި އެމްއޭސީއެލް މެޑިކަލް ކްލިނިކު ސަބަބުންނެވެ. މިއީ އެމްއޭސީއެލްގެ ދުރުރާސްތާ ވިސްނުމުގައި ކަންކަން ކުރިޔަށް ގެންދާ، ހިންގުންތެރިކަން ދައްކައިދިން ނަމޫނާ މިސާލެކެވެ.

ވީއައިއޭގައި ކުއްލި ހާލަތެއް ދިމާވެގެން ފަރުވާގެ އިންތިޒާރުގައި ތިބޭން ޖެހެނު ޖެހުން ނިމުމަކަށް ގެނެސްދިން ކަމެކެވެ. މިހާރު އެމްއޭސީއެލްގެ ހިންގުން މިވަނީ މިހާރުގެ ގޮތަށް ބުނާ ނަމަ މުޅީން ތަފާތު ވެފައެވެ. ޓެކްނޮލޮޖީގެ ތަރައްގީއާއެކު ބަދަހި ގުޅުމެއްް ގާއިމްކޮށްދީފައެވެ. މިއީ ހުރިހާ މަރުހަލާއެއްގައިވެސް ޚިދުމަތް ހޯދާ މީހުނަށް ފަހި މާހައުލެކެވެ.