އޯޓިޒަމް ހުންނަ ކުދިންނަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ ނުވަތަ ދުނިޔޭގެ އޯޓިޒަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ މީހަކަށްވެސް އުނގެނުމާއި ކުރިއެރުމާއި މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތުތަކާއި އިހްތިރާމް ލިބެންޖެހޭނެ ކަމަށެވެ.
ގޭތެރެއިން ފެށިގެން ސްކޫލްތަކާއި މަސައްކަތުގެ މާހައުލު އަދި އާންމު ތަންތަނުގައިވެސް އެންމެން ޝާމިލްކުރުމުގެ ސަގާފަތެއް އާލާކުރުން ފެށެނީ ހޭލުންތެރިކަމާއި އޯގާތެރިކަމާއި އަދި މާނަހުރި އަމަލުތަކުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއީ މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަމެއްކަން އެ މަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ އޯޓިޒަމް ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މީގެ ތެރޭގައި ސްކޫލްތަކުގައި ހިންގާ ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ އޮނިގަނޑު ހަރުދަނާކުރުމާއި މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފުޅާކުރުން ހިމެނެއެވެ.
ރައީސްގެ ޕޯސްޓުގައި ކޮންމެ މީހަކީވެސް އިހުތިރާމާއި މަގުސަދެއް އޮތް، އަދި މުޖުތަމައުގެ ބައެއްގެ ގޮތުގައި އިހުސާސްކުރެވޭނެ ފަދަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މީހަކަށް ހެދުމަށްޓަކައި، ކަރާމާތާއި ހަމަހަމަ ފުރުސަތުތަކަށް ވަކާލާތުކުރުމުގައި ދެމިތިބުމަށް ވަނީ ގޮވާލައްވައިފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު