ހަނގުރާމައާ ގުޅިގެން ފިލިޕީންސް އިން އިމަޖެންސީ އިއުލާންކޮށްފިއެވެ.

އިރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ބޮޑެތި ގެއްލުން ވެފައިވާއިރު އެކަމުގެ ސަބަބުން ފިލިޕީންސް އަށް ގެއްލުންވާތީ އެގައުމުގައި ވަނީ ހަކަތައިގެ އިމަޖެންސީ އިއުލާންކޮށްފައެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޮސް ވަނީ އެގައުމުގައި އިމަޖެންސީ އިއުލާން ކުރައްވައި އެކަމުގެ ގަރާރުގައި ސޮއިކޮށް އަމަލުކުރަން ފަށާފައެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން އެގައުމުގެ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ހުރިހާ ބާވަތެއް މިހާރުން ފެށިގެން ރައްކާކޮށް ބޭނުންކުރުމުގައި މޮނިޓާ ކުރުމަށް ނިންމައިފައެވެ.

ފިލިޕީންސް އަށް ގެންނަ ތެލުގެ 98 ޕަސެންޓަކީ ގަލްފު ސަރަހައްދުން އެގައުމަށް އެތެރެކުރާ ތެލެވެ. ހަނގުރާމައިގެ ސަަބަބުން ހޮރުމޯޒު ކަނޑުއޮޅި ބަންދުވެ ތެޔޮ ލިބުން ދަތިވެފައިވާއިރު ފިލިޕީންސް އިން އިމަޖެންސީ ނެރުމާއެކު އެގައުމުގެ ސަރުކާރަށް ކޮންޓްރޯލް ކުރުމުގެ ގިނަ ބާރު ތަކެއް ލިބިގެން ދާނެއެވެ.

ފިލިޕީންސްގެ ރައީސްގެ ގަރާރާއެކު އެގައުމުގެ ސަރުކާރުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލައި ހުރިހާ ބާވަތެއްގެ ތެލާއި ކާބޯތަކެތީގެ އިތުރުން ބޭހާއި އެހެނިހެން އަސާސީ ސާމާނު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލިޕީންސް ވެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިމަޖެންސީ އިއުލާންކުރި ފުރަތަމަ ގައުމަށެވެ.