ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނުކުތަސް، ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތު ދޭ މުއްދަތު އިތުރުކުރަން ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލަކީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މީގެ ކުރިން ގާނޫނުގައި އޮންނަނީ ދަރުފުޅުގެ އުމުރުން އެއް އަހަރު ވާންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވައި ފާސްކުރި ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވާންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށެވެ.
ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭން ޖެހޭ ނޯޓިހުގެ މުއްދަތަށް ބަދަލު ގެންނަން ވެސް ވަނީ ފާސްކޮށްފައެވެ.
މީގެ ކުރިން ގާނޫނު އޮންނަ ގޮތުން، ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް އެ ބިލު އޮންނަ ގޮތުން އެއް އަހަރު ނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެއެވެ.
ނަމަވެސް އެއަށްވުރެ ކުރު މުއްދަތެއް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ނޯޓިހުގެ ގޮތުގައި ދޭން ޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ ކަމަށް އިސްލާހުގައި ވަނީ ހިމަނައިފައެވެ.
ރައީސް އެ ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު