ރާއްޖެއިން ހަނގުރާމަތަކަށް ގޮސް، ތުރުކީގައި ތިބި ދިވެހީން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރު ދެ ދިވެއްސަކު ރާއްޖެ ގެނެސް، ނެޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރާ ހަވާލުކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ހަނގުރާމަތަކަށް ގޮސްފައިވާ ދިވެހީންނާއި އެ މީހުންގެ އާއިލާތައް ރާއްޖެ ގެނައުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް 23 މީހަކު ފަރުވާއަށްފަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވެފައި ތިން ދިވެހިން ތިބި ކަމުގެ މައުލޫމާތު އެ ގައުމުން ދީފައިވާ ކަމަށެވެ.

"14 އަހަރުގެ އަންހެން ކުއްޖަކާއި އަދި އެ ކުއްޖާގެ މަންމަ މިހާރު ވަނީ ރާއްޖެ ގެނެވި ނެޝަނަލް އިންޓަގްރޭޝަން ސެންޓަރުގައި އެ ފަރާތްތަކަށް ދޭން ޖެހޭ ހިދުމަތްތައް ދަނީ ދެމުން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސައްކަތްކުރަމުން އަންނަނީ ސީރިއާގެ ދެ ސަރަހައްދެއްގައި ތިބި 60 ދިވެހީން ރާއްޖެ ގެނައުމުގެ މަސައްކަތް ކަމަށެވެ.