އެސްއެމްއީ ޑިޖިޓަލްއިން ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، އަލަށް އެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން 'ގެސްޓްހައުސް ފައިނޭންސިން އަދި 'ގެސްޓްރޫމް ފައިނޭންސިން' ގެ ނަމުގައި ދެ ޕްރޮޑަކްޓެއް މިއަދު ތައާރަފުކޮށްފިއެވެ.
އެ ފައިނޭންސިންގެ މަގުސަދަކީ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި ފުޅާކުރުމަށްޓަކައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި ލުއި ގޮތަކަށް މާލީ ހައްލެއް ހޯދައިދިނުމެވެ. މިއީ ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް އަލަށް ފެށުމަށާއި، ތަރައްގީކުރުމަށާއި އަދި ޒަމާނީ ކުރުމަށް ފަރުމާކޮށްފައިވާ ފެސިލިޓީތަކެކެވެ.
ގެސްޓްހައުސް ފައިނޭންސިން
ގެސްޓްހައުސް ފައިނޭންސިން އަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރުވެސް ހިނގަމުންދާ ގެސްޓްހައުސް ތަރައްގީކުރުމަށާއި، ކޮޓަރި އިތުރުކުރުމަށާއި، އިތުރު ސަޕޯޓް ސާވިސްތައް ގާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓީއެކެވެ.
އެ ފެސިލިޓީގެ ދަށުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް މިހާތަނަށް ދޫކުރަމުން ގެންދިޔަ ފައިނޭންސިން ލިމިޓް 10،000،000 ރުފިޔާއަށް އިތުރުކޮށް ފައިނޭންސިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެސްއެމްއީ ޑިޖިޓަލުން ބުނީ އެ ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމުލަ ހަރަދުގެ ތެރެއިން މަދުވެގެން 20 ޕަސަންޓު އަމިއްލަ އަތުން ހަމަޖައްސަންޖެހޭނެ ކަމަށާއި ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނޭ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.
ގެސްޓް ރޫމް ފައިނޭންސިން
ގެސްޓް ރޫމް ފައިނޭންސިން އަކީ ގިނަވެގެން ފަސް ކޮޓަރިއަށްވުރެ އިތުރުނުވާ ގޮތަށް، ޓުއަރިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން މިހާރުވެސް ހިންގާ ލޯކަލް ގެސްޓްހައުސް ހިދުމަތް ދޭ ފަރާތްތަކުން އެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކުރާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް 1،500،000 (1.5 މިލިއަން) ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
އެސްއެމްއީ ޑިޖިޓަލުން ބުނީ އެ ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމުލަ ހަރަދުގެ ތެރެއިން މަދުވެގެން 20 ޕަސަންޓު އަމިއްލަ އަތުން ހަރަދުކުރަންޖެހޭނެ ކަމަށާއި ފެސިލިޓީ އަނބުރާ ދެއްކުމަށް ދިހަ އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.
އެ ފެސިލިޓީ ދޫކުރުމުގައި ރިއާޔަތްކުރާނީ، އެދިފައިވާ ފަރާތަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ބަލައި، ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށް ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިން މެދުވެރިކޮށް، އެ ކުންފުނިން މި މަގުފަހިކޮށްދެނީ އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ތަރައްގީކޮށް އަތޮޅުތެރޭގެ އިގުތިސާދު ކުރިއެރުވުމަށް ކަމަށެވެ.
"މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށާއި، މި ދާއިރާގައި ގިނަ ބަޔަކަށް ބައިވެރިވުމަށް މަގުފަހިވެގެންދާނެ. އަދި، ފަތުރުވެރިކަން ރަށްރަށުގައި ތަރައްގީކުރުމަށް ކައުންސިލްތަކުން ދޫކުރާ ބިންތަކުގައި ގެސްޓްހައުސް އިމާރާތްކޮށް ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން މި ފައިނޭންސިން މެދުވެރިކޮށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ. މިކަމުގެ ސަބަބުން ރަށުގެ އާމްދަނީ އިތުރުވެ ރަށްތަކުގެ އިގުތިސާދީ ހާލަތުގެ ރަނގަޅުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ގެސްޓްހައުސް ފައިނޭންސިން އަދި ގެސްޓް ރޫމް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައެވެ.
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް