މާދަމާ އއ. ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ސީޕްލޭން ޖެއްސުމަށް ބޭނުންވާ ޕްލެޓްފޯމް ތޮއްޑޫގައި ހަދައި ނިމިފައިވާ ކަމަށެވެ.

ސީޕްލޭން، ތޮއްޑޫއަށް ދަތުރުކުރާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސީޕްލޭންގައި، ތޮއްޑޫއަށްކުރާ ދަތުރުގެ ޓިކެޓު އަގަކީ ކޮޅަކަށް 799 ރުފިޔާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، 20 އޯގަސްޓް 2025 ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިމަހުގެ ތެރޭގައި ރަށުގައި ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވާނެކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ވިދާޅުވެފައިވަނީ ރަށްރަށުގެ އިގުތިސޯދު ކުރިއެރުވުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ތޮއްޑޫއަކީ ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ވަރަށް ކުރިއަރާފައިވާ ރަށެއް ކަމަށާއި އެ ރަށުގައި 80 ވަރަކަށް ޓޫރިޒަމް ވިޔަފާރި އެބަ ހިންގާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކީ އެކަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

"އެގޮތުން އިރާދަކުރެއްވިއްޔާ މި ރަށަށް ހާއްސަ ސީޕްލޭން ޕްލެޓްފޯމް ގާއިމުކުރެވި އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ، މި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް މިރަށަށް ފަށާނަން،" ރައީސް ވިދާޅުވެފައިވެއެވެ.

އެކަމުގެ ސަބަބުން ހާއްސަކޮށް ކަނޑުގަދަވާ ދުވަސްތަކަށް ޓޫރިޒަމްގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ކަންބޮޑުވުމާއި ދަތިތަކަށް ފަސޭހަތަކެއް ލިބި، ރައްޔިތުންނަށް ވެސް ނުހަނު ފަސޭހަތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.