ކުރިއަށް އޮތް ރޯދަމަހު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށާއި ހަ ރޯދައިގެ ދުވަސްވަރު އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.

އަދި މުދާ ވިއްކާ ތަންތަން މާދަމާއިން ފެށިގެން ރޯދަމަހާއި ހަ ރޯދަ ނިމެންދެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ކަމަށްވެސް ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ގަޑިތަކުގައި ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މި މަހު 18 އެވެ.