ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ގޯތި ދޫކުރުމަށް މިއަދު އަލުން ގުރު ނަގަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދަށް ބަދަލު އައިސްފައިވާތީ އަލުން އާ ލޮޓްތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އާ ޕްލޮޓް އެލޮކޭޓް ކުރުން މިއަދު ހެނދުނު 9:30 އިން ފެށިގެން ސޯޝަލް ސެންޓަރުގައި ވަނީ ފަށައިފައެވެ.

31 ޖެނުއަރީ 2026، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުމަށް އަލުން ގުރުނެގުން -- ވަން ފޮޓޯ/ ފާތިމަތު ލިޔުޝާ

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ގޯތީގެ ބޮޑުމިން:

  • 1250 އަކަފޫޓުގެ 2605 ގޯތި
  • 1650 އަކަފޫޓުގެ 1213 ގޯތި
  • 2050 އަކަފޫޓުގެ 253 ގޯތި
  • 2450 އަކަފޫޓުގެ 1 ގޯތި

ހައުސިން މިނިސްޓްރީން ބުނީ ގުރުނެގުމުގެ ކަންތައްތައް ކުރިއަށްގެންދާނީ އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. ގުރުއަތުލާ ހޯލަށް ވަދެވޭނީ ކޮންމެ ޕްލޮޓަކުންވެސް އެއް ފަރާތަށް ކަމަށެވެ. އަދި ގޯތި ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ އެކަން އަންގައިދޭ ލިޔުމާއި، ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ބަދަލުގައި ހާޒިރުވާ މީހާގެ އައިޑީކާޑުގެ ކޮޕީއެއް ބޭނުންވާނެ ކަމަށެވެ.

އަދި އޭގެ އިތުރުން ގުރުނެގުން ކުރިއަށްގެންދާ އިރު، ގޯތި ލިބޭ ފަރާތަށް ގުރުއަތުން ލިބޭ ޕްލޮޓް ހިޔާވެހި ޕޯޓަލުން ވަގުތުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށްވެސް ޕްލޮޓް ނަމްބަރު އަންގާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުރުއަތުލާ ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި ބިން ހިއްކައި ނިމުމުން ގޯތިތައް ހަވާލުކުރާނެ ކަމަށެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އިއްޔެ ވަނީ އަލުން ފަށައިފައެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) ކުންފުނިންނެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން 54 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، އެތަން ހިއްކުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.