ތިމާވެއްޓަށް ގެއްލުން ދިނުމާ ގުޅިގެން އެކި ފަރާތްތައް ކޮށްފައިވާ ޖޫރިމަނާތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ 930.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ދައްކައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އޮޑިޓް އޮފީހުން އިއްޔެ އާންމު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓާއި 2019، 2020 އަދި 2021 ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ވާގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކޮށްފައިވާ ޖޫރިމަނާތަކުގެ މައްސަލަތަކާ ގުޅިގެން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 16ގެ ނިޔަލަށް ޖުމްލަ 930،328،480 ރުފިޔާ ދައުލަތަށް ލިބެން ޖެހެއެވެ.

ނަމަވެސް އެ ތާރީހުން ފެށިގެން، އޭގެ ފަހުން އަހަރުތަކެއް ފާއިތުވެފައިވާތީ، ތިމާވެށީގެ ޖޫރިމަނާގެ މިހާރުގެ ޖުމްލަ ކަށަވަރުވެފައެއް ނުވެއެވެ.

އެ ރިޕޯޓްގައި އެކަން އިސްލާހުކުރަން މިނިސްޓްރީއަށް ލަފާ ދީފައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އޭގެ އިތުރުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތް ކުރުމާއި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު ފައިސާ ނުލިބިއްޖެ ނަމަ، ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަން ޖެހޭ ފަރާތަށް ލިޔުން ފޮނުވައި، އެ ހަތް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ، ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ވެސް ވަނީ ލަފާ ދީފައެވެ.

ޖޫރިމަނާތައް ނުދައްކާ މައްސަލައިގައި، އެފަދަ ވިޔަފާރިތައް ހުއްޓުވަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ފަށަން ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ފާސްކޮށްފައެވެ.

ތިމާވެށީގެ ޖޫރިމަނާތައް ނުލިބޭ މައްސަލައިގައި އީއާރުއޭ އާއި އެޓާނީ ޖެނެރަލް އޮފީހުގެ އިސްވެރިން އޮކްޓޯބަރު 2024 ގައި ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލު ވެސް ކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކުރި އިތުރު މައްސަލަތަކުގެ ތެރޭގައި، ކުރީގެ ސަރުކާރުގައި އެންސީއައިޓީ (މިހާރުގެ ނޭޝަނަލް ޑިޖިޓަލް ސާވިސް) އަށް މިނިސްޓްރީ މެދުވެރިކޮށް 2021 ވަނަ އަހަރު ގަނެފައިވާ ގިނަ އަދަދެއްގެ މައިކްރޮސޮފްޓުގެ ވޮލިއުމް ލައިސެންސް ދައުލަތުގެ އިދާރާތަކާ ހަވާލު ނުކުރެވުމުގެ ސަބަބުން ބޭނުން ނުކުރެވި ހުރިކަން ވަނީ ހިމަނައިފައެވެ.

ވިހިހާސް މައިކްރޮސޮފްޓް 365 ލައިންސަންސްގެ ތެރެއިން 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭނުންކޮށްފައި ވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބައި ކަމަށާއި ބޭނުން ނުކުރާ ލައިސަންސްތަކަށް 18.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މައިކްރޮސޮފްޓް ނޫން އިތުރު ޕްރޮޑަކްޓުތަކުގެ ތެރެއިން 9،000 އަށް ވުރެ ގިނަ ލައިސަންސްތައް ހަވާލުނުކޮށް ހުރި އިރު، އެއަށް 2.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން 2021 ވަނަ އަހަރު ހިންގި "ހޯމް ސޯލާ" ޕްރޮގްރާމްގެ މަގުސަދު ހާސިލް ކުރެވުނު މިންވަރު އެއްބަސްވުމާ އެއްގޮަތަށް މިނިސްޓްރީން މޮނިޓާކޮށް އިވެލުއޭޓްކޮށްފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ.