އިންޑޮނޭޝިއާގައި ބިންގަނޑު ކަނޑައިގެންގޮސް 80 މީހުން ގެއްލިއްޖެއެވެ.

މޫސުންގޯސްވެ ބޮކޮށް ވާރޭވެހުމުގެ ސަބަބުން އިންޑޮނޭޝިއާގެ ހުޅަނގު ޖާވާ ޕްރޮވިންސުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާ ކަމަށާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވަޅުލެވިފައިވާ މީހުންގެ އަދަދު 80 އަށް އަރާ ކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހުޅަނގު ޖާވާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ހިނގަމުން އަންނަ ހާދިސާތަކުގެ ސަބަބުން އެސަރަހައްދުގެ ގިނަ ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

އިންޑޮނޭޝިއާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ އޮފިޝަލުން ވަނީ ބިންގަނޑު ކަނޑައިގެން ގޮސް ގެއްލުން ލިބުނު ސަރަހައްދުތަކުގައި ރެސްކިއު އޮޕަރޭޝަން ފަށާފައިވާ ކަމަށާއި އިތުރު ޓީމުތަކާއި ވެހިކަލްތައް އެސަރަަހައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މޫސުން ގޯސްވެ އެސަރަހައްދުގެ މަގުތައް ހަލާކުވެފައިވާތީ ރެސްކިއު ޓީމުތަކުން އެސަރަހައްދަށް ދަތުރުކުރުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޖާވާގެ އިތުރުން އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށްވެސް ބޯކޮށް ވާރޭވެހި ގިނަ ހާދިސާތަކެއް ހިނގާފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.