ލަންކާގެ ޑްރަގް އޮޕަރޭޝަންގައި 77 ހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ސްރީ ލަންކާގެ ސަރުކާރުން އެގައުމުގައި ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ކުރިޔަށް ގެންދިޔަ ޑްރަގް ރެއިޑްތައް ހިމެނޭ ބޮޑު އޮޕަރޭޝަން ''ރަޓަމާ އެކަޓަ'' ގައި މިހާތަނަށް 77،000 އަށްވުރެ ގިނަ މީހުން އެގައުމުގެ އެކި ސަރަހައްދުތަކުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ އެ އޮޕަރޭޝަންގައި އިއްޔެ އާ ހަމަށް 77،105 މީހުން ހައްޔަރުކޮށްފައިވާ އިރު، 77،824 ތަނެއް ރެއިޑް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން 68 މީހެއްގެ މުދާ ހިފަހައްޓައި ތަހުގީގު ކުރަމުން އަންނަ އިރު 1،582 މީހުން ބަންދުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އޮޕަރޭޝަން ''ރަޓަމާ އެކަޓަ'' ގައި މިހާތަނަށް 320 ކިލޯގެ ހެރޮއިންގެ އިތުރުން 1،280 ކިލޯގެ އައިސް އާއި ހަ ކިލޯ ކޮކޭންގެ އިތުރުން 2،341 ކިލޯ ކެނަބިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން 155 ކިލޯ ކުޝްގެ އިތުރުން 44 ކިލޯ ހަޝިޝް އާއި 132،000 ޕާޓީ ޕިލްސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. އަދި 5.5 މިލިއަން ކެނަބިސް ގަސް ވެސް ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ލަންކާގެ އޮފިޝަލުން ވަނީ އޮޕަރޭޝަން ''ރަޓަމާ އެކަޓަ''ގެ ދަށުން ގިނަ ބަޔަކު ހައްޔަރުކުރުމުގެ ސަބަބުން އެގައުމުގެ ޖަލުތައް ފުރި ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ ގިނަ މީހުން އެތަންތަނުގައި ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ.