ކިއުބާގެ ވެރިކަން 1959 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު ފިޑެލް ކާސްޓްރޯ އިންގިލާބު ކުރައްވައިފިއެވެ. ކާސްޓްރޯގެ އުމުރުފުޅަކީ އޭރު އެންމެ ތެއްތިރީސް އަހަރެވެ. ކާސްޓްރޯއާއި އޭނާގެ ބައިވެރިން ކިއުބާގެ ވެރިކަން ފުރޮޅައިލެއްވިއިރު އެހައިތަނަށް އެގައުމުގައި އޮތީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ. ވެރިޔަކީ ފުލްފެންސިއޯ ބަޓިސްޓާއޭ ކިޔުނު މީހެކެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކާސްޓްރޯ އެންމެ ފުރަތަމަވެސް އެޅުއްވި ފިޔަވަޅުތަކުން އެމެރިކާ އަންތަރީސް ކުރައްވައިފިއެވެ. އެމެރިކާގެ މަހުޖަނުން ހިންގަމުންދިޔަ ކާރުޚާނާތައް ދައުލަތަށް ނަންގަވައިފިއެވެ. ބޭންކުތައް ގައުމީ ކުރައްވައިފިއެވެ. މުއްސަނދީންގެ ޖީބު އިރާލައްވައި ކިއުބާގެ ހިއްސާދާރުންނަކީ ނިކަމެތި ފަގީރުންކަމުގައި ހަމަޖައްސަވައިފިއެވެ. އެމެރިކާގެ ބަދަލުގައި ކިއުބާގެ މިތުރަކީ އަދި ބައިވެރިޔަކީ ސޯވިއެޓް ޔުނިއަންކަމުގައިވެސް ހައްދަވައިފިއެވެ. ކިއުބާ އޮންނަނީ އެމެރިކާގެ ގޮނޑުދޮށުގައެވެ.
އެމެރިކާގެ ފްލޮރިޑާ ސްޓޭޓާއި ކިއުބާގެ ދުރުމިނަކީ އެންމެ 90 މޭލެވެ. އެމެރިކާގެ ރައީސްކަމުގައި އޭރު ހުންނެވީ ޑުވައިޓް އައިޒަންހާވަރއެވެ. ވެރިކަމުގައިއޮތީ ރިޕަބްލިކަން ޕާޓީއެވެ. އައިޒަންހާވަރުގެ ނިންމުމަކަށްވީ ވެވުނު ގޮތަކުން ކާސްޓްރޯ ވެރިކަމުން ދުރުކުރުމެވެ. އިސާހިތަކު އެމެރިކާގެ ޖާސޫސީ އިދާރާކަމަށްވާ ސީއައިއޭއިން މި މަސައްކަތް ފަށައިގެންފިއެވެ. އެންމެ ފުރަތަމަ ކުރިކަމަކީ ކާސްޓްރޯގެ ވެރިކަމާ ނުރުހިގެން ގައުމުދޫކޮށް އެމެރިކާއަށް ހިޖުރަކުރި ހިޖުރަވެރިންގެ ތެރެއިން ސާދަސަތޭކަ ޒުވާނުން ނަގައިގެން އެމީހުންނަށް އަސްކަރީ ތަމްރީނު ދިނުމެވެ. އެފަދަ ހިޖުރަވެރިންގެ ތެރެއިން އެކަކީ އެމެރިކާގެ މިހާރުގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯގެ ބައްޕަ މާރިއޯ ރޫބިއޯއެވެ. މިދެންނެވި ބައިގަނޑަށް ހަތިޔާރު ދީފައި ސިއްރިޔާތުގައި ކިއުބާއަށް ފޮނުވިއެވެ. އެމެރިކާގެ އުޅަނދުތަކުގައި އެމީހުން ކިއުބާއަށް ފޭބީ އެގައުމުގެ ހުޅަނގުބިތުގެ އައްސޭރިން ބޭ އޮފް ޕިގްސް ނަމަކަށް ކިޔުނު ހިސާބަކަށެވެ. މިކަމެއް ހިނގީ 1961 ގެ އެޕްރީލް މަހުގެ ތެރޭގައެވެ. އޭރު އައިޒަންހާވަރުގެ ދައުރު ނިމި ރައީސް ކެނެޑީގެ ދައުރު އޮތީ ފެށިފައެވެ.
ކޮންމެއަކަސް ދެފަރާތުގެ މެދުގައި ހަމަލާތަކެއް ބަދަލުކުރެވި އެތައް ބަޔަކު މަރުވުމަށްފަހު އެންމެ 72 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ ކުލީ ސިފައިންގެ ބައިގަނޑު ބަލިވެއްޖެއެވެ. ބާކީތިބިހައި ބަޔަކު ކާސްޓްރޯގެ އަތްދަށުވެއްޖެއެވެ. މުޅިދުނިޔޭގެ ކުރިމަތީގައި އެމެރިކާ ވެގެންދިޔައީ މާބޮޑު ފަޟީހަތެކެވެ. ކޮޅުނެތްކޮޅަށް ލަދުގެންފިއެވެ. މިކަމުގެ ނަތީޖާއަކަށްވީ އެމެރިކާގެ އުކުޅުތައް ނުވަތަ ރޭވުމާއި ވިސްނުން ބަދަލުކުރަން ސީއައިއޭއަށް މަޖުބޫރުވުމެވެ. ކިއުބާއަށް އަރައި ވެރިކަން ބަދަލުކުރުމުގެ ވިސްނުން ދޫކޮށްލުމަށްފަހު ދެން އިސްކަންދިނީ ކޮންމެ ގޮތަކުންވިޔަސް ކާސްޓްރޯ އަވަހާރަކޮށްލުމަށެވެ. އޮޕަރޭޝަން މޮންގޫޒްގެ ނަމުގައި ކާސްޓްރޯ އަވަހާރަކޮށްލުމުގެ ހަރަކާތެއް އެމެރިކާއިން ފެށީ 1961 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި އޮޕަރޭޝަނަށް ހުއްދަދެއްވީ ރައީސް ޖޯން އެފް ކެނެޑީއެވެ. އެންމެ ފުރަތަމަ ބެލީ ކާސްޓްރޯގެ ކާނާޔަށް ވިހަލައިގެން އޭނާ އަވަހާރަކޮށްލުމަށެވެ. އެކަމުގައިވެސް ފޭލް ވެއްޖެއެވެ. ކާސްޓްރޯ ބޭނުން ކުރައްވާ ބޮޑުސުއްޓާ ގޮވާގޮތަށް ފަރުމާކޮށްގެން އެކަމުގައިވެސްވީ ނާކާމިޔާބެވެ.
ކާސްޓްރޯއަކީ ޑައިވިނަށްވެސް ވަޑައިގަންނަވާ ބޭފުޅަކަށްވާތީ އޭނާގެ ޑައިވިން ސޫޓަށް ގޮތެއް ހަދާލައިގެން އަވަހާރަކޮށްލަން އުޅެ އެކަމެއްވެސް ނުވިއެވެ. އަމާޒަށް ބަޑިޖަހަން ކުޅަދާނަ މާފިޔާ މީހުން ގެނެސްގެން ބަޑިޖަހައިގެން ކާސްޓްރޯގެ ކަންތައް ނިންމާލަންއުޅެ އެކަމެއްވެސް ނުވިއެވެ. ކާސްޓްރޯގެ ލޯބިވެރިންގެ ތެރެއިން އަންހެނަކަށް ރިޝްވަތު ދީގެން ކާސްޓްރޯގެ ރަލަށް ވިހަލައިގެން އޭނާގެ ދުވަސް ދުއްވާލަން ކުރި މަސައްކަތްވެސް ދިޔައީ ނާކާމިޔާބު ވެގެންނެވެ. އެކަމުގައިވެސް މަރުވީ ވިހަދޭން އުޅުނު މީހާއެވެ. ކާރުބޮން ގޮއްވައިގެން މިކަން ނިންމާލަން އުޅެ އެކަމެއްވެސް ނުވިއެވެ. ކާސްޓްރޯ މޫދަށް ވަޑައިގަންނަވާ ހިސާބުހިސާބުގެ ގޮނޑުދޮށުގައި ހުންނަ ބޮލިފަދަ ތަކެތީގައި ގޮވާތަކެތި ހަރުކޮށްގެން ކާސްޓްރޯގެ ދުވަސް ދުއްވާލަން އުޅެ އެކަމެއްވެސް ނުވިއެވެ. މިހެންގޮސް ނަންހުސްކޮށް އެތައް ގޮތަކުން މިކަންކުރަން ދިމާކުރިއެވެ. ދެންވެސް ދިޔައީ ކަމަކަށްފަހު ކަމެއް ރާވަމުން ބަލަމުންނެވެ.
ކެނެޑީގެ ދައުރު ނިމިގެންދިޔައީ މިކަން ނުވެއެވެ. ލިންޑަން ބީ ޖޮންސަން، ރިޗަޑް ނިކްސަން، ޖެރާލްޑް ފޯޑް، ޖިމީ ކާޓަރު، ރޮނަލްޑް ރޭގަން، ބޮޑު ބުޝް، ބިލް ކްލިންޓަން، ކުޑަ ބުޝް، އަދި ބަރަކް އޮބާމާ ހިމެނޭހެން ޖުމްލަ އެގާރަ ރައީސަކު ވަނީ ކާސްޓްރޯ ދުނިޔެއިން ވަކިކޮށްލުމަށް މަސައްކަތް ކުރައްވައިފައެވެ. އެހުރިހާ ރައީސުންނަށްވެސްވީ ނާކާމިޔާބެވެ. ލިޔެ ރައްކާކުރެވިފައިވާ ރިކޯޑުތަކުން ފެންނަ ގޮތުގައި ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލުމަށް އެމެރިކާއިން ހަސަތޭކައަށްވުރެ ގިނަފަހަރު މަސައްކަތްކޮށްފައިވެއެވެ. ހުރިހާ ފަހަރަކުވެސް ވެފައިވަނީ ނާކާމިޔާބެވެ. ކާސްޓްރޯގެ ނަސީބު ގަދަކަމުންނެވެ. ނުވަތަ އޭނާގެ ދިފާއީ ރޭވުންތެރިކަން މޮޅުވެގެންނެވެ. އެމެރިކާދެކެ ބިރުން ކާސްޓްރޯ ފިއްލަވައިގެން އުޅުއްވީއެއްވެސް ނޫނެވެ. އެކި ތަންތަނުގައި ތަގުރީރު ކުރައްވައެވެ. ހަމަސީދާ އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އދ.ގެ އާއްމު މަޖިލީހުގައިވެސް ތަގުރީރު ކުރެއްވިއެވެ. އދ.ގެ ތާރީޚުގައި އާއްމު މަޖިލީހުގައި އެންމެ ދިގު ތަގުރީރެއް ކުރެއްވީވެސް ކާސްޓްރޯއެވެ.
އދ.ގައި ކާސްޓްރޯ ކުރެއްވީ ހަތަރުގަޑިއިރާއި ނަވާވީސް މިނިޓުގެ ތަގުރީރެކެވެ. އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާ ލީޑަރުންނަށް ފަނަރަ މިނިޓުގެ ވަގުތެއް ހަމަޖެއްސުނީ ކާސްޓްރޯގެ އާދަޔާ ޚިލާފު ދިގު ތަގުރީރުގެ ސަބަބުންނެވެ. ކޮންމެއަކަސް ކާސްޓްރޯ އަވަހާރަކޮށްލަން އުޅުނު އެމެރިކާގެ އެއްވެސް ރައީސަކަށް އެކަމެއް ނުކުރެވުނެވެ. ޖުމްލަ އެގާރަ ރައީސުންނެވެ. ސީއައިއޭގެ އެއްވެސް ޑިރެކްޓަރަކަށްވެސް އެކަމެއް ނުކުރެވުނެވެ. އެންމެފަހުން ކާސްޓްރޯ އަވަހާރަވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު ފަންސަވީހުގައެވެ. އުމުރުފުޅުން 90 އަހަރުގައި މުސްކުޅި ބަލީގައެވެ. ގުދުރަތީ މަރަކުންނެވެ. ދުނިޔޭގައިވާ އެންމެ ބާރުގަދަ ގައުމުން ފަސްދޮޅަސް އަހަރުވަންދެން ހުއްޓާނުލައި ކާސްޓްރޯ އަވަހާރަކޮށްލަން ކުރި މަސައްކަތަކުން ނޫނެވެ. އެކަމުގައި އެމެރިކާވަނީ ބޮޑު ތަނުން ފޭލްވެފައެވެ. މިކަމުން އެނގެނީ ބަޔަކަށްވާ ބަޔަކާ ޖެހުނީމާ ނުވަތަ މީހަކާ ޖެހުނީމާ އެމެރިކާއަކަށްވެސް އެމީހުން ބޭނުންވާހައި ކަމެއް ނުކުރެވޭ ކަމެވެ. ވެނެޒުއެލާގެ މަދޫރޯ ވަގަށް ނެގުމުގައި ކުރިލިބުނަސް ކާސްޓްރޯގެ ކަންތައް ހަނދާންވީމާ އެމެރިކާއަށްވެސް އޮތީ ލަދުވެތިކަމުގެ އިހުސާސެކެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ