މި އަހަރުގެ ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ސަމާސާ އަދަބުގެ ޅެންހެދުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އެ އެކަޑަމީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހު އެއްވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރީން ޅެން ފޮނުވަން ވާނެ ކަމަށެވެ. ޅެން އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ވޯޑް ފައިލާއި ޕީޑީއެފް ފައިލް ފޮނުވަން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރުން ވެސް ޅެންތައް ބަލައިގަންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. ޅެން ހުށައަޅާއިރު ޅެން ހުށައަޅާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ޖަހަންވާނެ ކަމަށާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ޅެމާ އެކު ހުށައަޅަންވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނީ އެ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިވެހީން ޅެންވެރިކަމާއި ދިވެހި އަދަބިއްޔާތަށް ޝައުގުވެރިކުރުވައި ދިވެހި ބަހުން ސަމާސާ އަދަބުގެ ޅެން ހެދުމުގެ ހުނަރު އާލާކޮށް އެ ފަންނުގެ ހުނަރުވެރިން އިތުރުކުރުން ކަމަށެވެ.
އެ މުބާރާތުން ވަނަތަކަށް ހޮވޭ ޅެންތައް އެ އެކަޑަމީން ޝާއިއުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އާއިޝަތު މާހާ
ދިވެހިބަހުގެ އެކަޑެމީ
ދިވެހިބަހުގެ އެކަޑެމީ