މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަވުމުން، އެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން މުސާރައިގެ ކުރިއެރުން ދޭގޮތަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ދޭ އުސޫލަށް ބަދަލު ގެނެސްފިއެވެ.

އެގޮތަށް ބަދަލު ގެނެސްފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލަށް ސިވިލް ސާވިސް ކޮމިޝަނުން ގެނައި ފުރަތަމަ އިސްލާހުންނެވެ.

އިސްލާހުކޮށް އިއްޔެ އާންމުކުރި އުސޫލުގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެން ދޭނީ އެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަވުމާއެކު އެ ކުރިއެރުން ދިނުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ހުށަހެޅުމުން އެ މުވައްޒަފަށް ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން ކަމަށެވެ.

މީގެ ކުރިން އުސޫލު އޮންނަނީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެނީ، އެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަވުމާ އެކު އެ ކުރިއެރުން ދިނުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައި، އެ ހުއްދައާ އެކު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ހުއްދަ ދޭ ތާރީހުން ފެށިގެންނެވެ.

މުސާރައިގެ ކުރިއެރުން ދޭއިރު މުވައްޒަފުންގެ މަސައްކަތް ވަޒަންކުރާނެ ގޮތާއި މަގާމުގައި ހޭދަކުރާ މުއްދަތު ގުނާނެ ގޮތް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.