މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑުއަށް ތައާރަފު ކުރުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އެ ދަތުރުގެ ފުރަތަމަ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ގައެވެ.

ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ދެ ދުވަހުއެވެ. އެއީ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އަދި އެއްކޮޅު ޓިކެޓްގެ އަގަކީ 799 ރުފިޔާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

"އެ ހިދުމަތް ތައާރަފުކުރީ ރަށްރަށުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް، ސަރަހައްދީ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ކަމަށާއި ވައިގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރެވިގެން ދިއުމަކީ ރަށުގެ މުޖުތަމައުގެ ގުޅުންތައް އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް،" މޯލްޑިވިއަނުން ބުންޏެވެ.

ޝެޑިއުލް ސީޕްލޭންގެ ހިދުމަތް ތައާރަފު ކުރުމަކީ، ރަށުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ކުދި ވިޔަފާރިތަކަށް ފައިދާ ލިބި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.