ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ސަރުކާރުން އެކަމަށް ހުއްދަދިނުމަށް ގެޒެޓްގައި ޝާއިރު ކުރި "ދިވެހި ރާއްޖޭގެ ކަށިމިޔަރު މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭން" އާއި ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދަކީ، ގާނޫނުއަސާސީ އާއި މަސްވެރިކަމުގެ ގާނޫނާ ހިލާފް ކަމަށްބުނެ އެ ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅީ ތިމާވެށީގެ ދެ އެކްޓިވިސްޓުން ކަމަށްވާ، ހ. ޝޭޑީކޯނާ ހުމައިދާ އަބްދުލްގަފޫރު އާއި މ. މާމިނގިލި މިހައްމަދު ސީނީންއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މި މައްސަަލަ ހައިކޯޓަށް ބަލައި ނުގަތުމަށް ނިންމި ނިންމުމުގައި، އެ ކޯޓުގެ ރަޖިސްޓްރާ މަރްޔަން ހޫރުޝީދާ ވިދާޅުވެފައި ވަނީ، ދުސްތޫރީ މައްސަލަ ބެލުމަށް ހައިކޯޓަސް ލިބިފައިވާ އިހްތިސާސްއަކީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒްވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދުގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ތައާރަޒުވާ ކަަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައްކަން ކޯޓުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދުން އެނގެން އޮންނަ ކަމަށެވެ.

މި މައްސަލައިގެ ދައުވާގެ ސީގާ އާއި ދައުވާ ބިނާކުރާ ސަބަބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ "ދިވެހި ރާއްޖޭގެ ކަށިމިޔަރު މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭން" އަކީ ކޯޓުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ "ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް" ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު، ގާނޫނުއަސާސީ އާއި މަސްވެރިކަމުގެ ގާނޫނާ ހިލާފު ކަމަށް ދައުވާގެ ސީގާގައި ބަޔާންކޮށްފައިވީ ނަމަވެސް، ދުސްތޫރީ މައްސަލަ ހުށަހަޅާ ފޯމުގައި، އެ ގަވާއިދު ގާނޫނުއަސާސީ އާއި މަސްވެރިކަމުގެ ގާނޫނާ ހިލާފު ވަނީ ކިހިނަކުން، ކޮން ގޮތަކުންކަން ބަޔާންކޮށްފައިނުވާތީ، މި މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ވަނީ ބުނެފައެވެ.