އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް މި ސަރުކާރުން ހުޅުވާލާ ތިން ކޮޓަރީ ފުލެޓު ސްކީމަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކޮށްފިއެވެ.

މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުންތަކުގައި ގިނަ ބަޔަކު ވަނީ އެއް ކޮޓަރީގެ ފުލެޓުތައް ލިބިފައިވާ މީހުންނަށް އިތުރު ހައުސިން މަޝްރޫއަކަށް ކުރިމަތިނުލެވޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެކަމާ ގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީގެ ސްކޫލް ހޯލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގައި އެއް ކޮޓަރީގެ ފްލެޓު ލިބިފައިވާ ފަރާތްތަކަށް މި ސަރުކާރުގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ހަދައިދިނުމަށް ވަރަށް ގިނަ ރައްޔިތުން އެދުނު ކަމަށެވެ.

"އެކަމާ އަޅުގަނޑުމެން ވަރަށް ތަފުސީލީ ގޮތެއްގައި ބަލައި ހަދައި ނިންމާފައި ކުރީ ރޭ އޮތް ބައްދަލުވުމުގައި އަޅުގަނޑު ވާނީ އެ ވާހަކަ ދަންނަވާ ވެސް ލާފައި،" ރައީސް ވިދާޅުވިއެވެ.

"މިހާރު މި ހުޅުވާލާ ސްކީމުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ވެސް ފޯމު ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރެވިފައި ވާނީ. ކުރިމަތިލައިގެން ހޮވޭ ފަރާތްތަކުން އެ އޮންނަ އުސޫލުން އެތަން [އެއް ކޮޓަރީގެ ފްލެޓް] ދޫކޮށްލާފައި މި ސްކީމުން ލިބޭ ތިން ކޮޓަރީގެ ފްލެޓަށް ދާ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެގޮތަށް އެ ބަދަލުތައް ގެންނަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށާއި ކުރިއަށްއޮތް ތަނުގައި ރައްޔިތުން ބޭނުންވާ ނަމަ، އެހެނިހެން ބައެއް ޝަރުތުތަކަށް ވެސް ބަދަލު ގެނައުމާ މެދު ވިސްނަވާނެ ކަމަށެވެ.