ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހެދުމަށް ޕެންޝަންގެ ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޕެންޝަން ފަންޑުން ކުރެވޭނެ ކަންކަން އިތުރު ކުރުމަކީ ރިޔާސީ ވައުދުފުޅެއް ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ބަދަލު ގެނެވެސް، ޕެންޝަން ފައިސާ އިތުރަށް ހަރަދު ކުރެވޭނެ ގޮތްތައް ހަދާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޕެންޝަން ގާނޫނަށް ބަދަލު ގެނައުމަށް އަނެއްކާވެސް މަޖިލީހަށް ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބުގެ ވައުދުފުޅުތަކާއި ރައްޔިތުންގެ ބައްދަލުވުންތަކުން ލިބޭ ހިޔާލުތައް ހިމަނައިގެން ބިލް ހުށަހަޅުއްވާނެ ކަމަށެވެ.

"މީގެ ތެރެއިން ޓާމިނަލް އިލްނެސްއެއްގައި އުޅޭ ފަރާތެއްވިއްޔާ އެބޭފުޅުއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިކަހަލަ ބައެއް ކަންތައް. ހައުސިންގައި މިހާރު ދެވޭ ފުރުސަތުތަކުގެ އިތުރަށް ހައުސިންނާ ގުޅޭ އިތުރު ކަންކަން ހިމެނޭހެން ކޮލެޓްރަލައިޒް ކުރުމަށް ހިމެނުމާއި މިކަހަލަ އެތަށް ފުރުސަތެއް ހިމެނޭހެން ޕެންޝަންގެ ގާނޫނު އިސްލާހު ކުރުމަށް ފޮނުވާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުން، އާންމުންނަށް އިތުރު ފަސޭހަތައް ލިބި، ގިނަ ކަންކަމުގައި ބައިވެރިވުމަށް ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.