މާލޭގައި ޒަމާނީ ފެންވަރުގެ އާ މަސްމާރުކޭޓެއް ހެދުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮށްދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަޝްރޫއަކީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެށި، ނަމަވެސް އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ މަސައްކަތެކެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ހަމަޖެހުނު އެ މަޝްރޫއު ދިގުލައިގެން ދިޔަ ނަމަވެސް ޖަޕާން ސަރުކާރުން އެ މަޝްރޫއު ހިލޭ އެހީގެ ދަށުން ކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށެވެ

"އަޅުގަނޑުމެން މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާއެކުގައި ވެސް ވާހަކަދެއްކެވި މަސައްކަތްތަކެއް ފެށިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ހަދާ އެ މާރުކޭޓުގެ މަސައްކަތް ފެށުމަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.

މާލޭ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު ވަގުތީގޮތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ވަގުތީ ބިންތަކެއް ހަމަޖައްސާފައިވާކަން ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މާލޭ މަސްމާރުކޭޓު ތަރައްގީކުރަނީ ހަތް ފަންގިފިލާއަށެވެ.