ކެނެޑާގެ ޓެރަރިޒަމް ލިސްޓުން ސީރިޔާ އުނިކޮށްފިއެވެ.

ކެނެޑާ ސަރުކާރުން އެކުލަވާލާފައިވާ ޓެރަރިޒަމަށް ތާއީދުކުރާ ގައުމުތައް ހިމެނޭ ލިސްޓުން ސީރިޔާ އުނިކޮށްފައިވާ ކަމަށް ނިންމައި އެގައުމުން އިއްޔެ ވަނީ އެކަން އިއުލާން ކޮށްފައެވެ.

ކެނަޑާގެ ގްލޯބަލް އެފެއާޒް އިން ނެރުނު ބަޔާނުގައި ވާގޮތުން އެގައުމާއި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ނިންމި ނިންމުމާއެކު އެލިސްޓުން ސީރިޔާ އުނިކުރަން ނިންމީ ކަމަށެވެ.

އެބަޔާނުގައި ވާގޮތުން ސީރިޔާ ލިސްޓުން އުނިކޮށްފައިވަނީ ބަލަން ޖެހޭ ގިނަ ބެލުންތަކެއް ބެލުމަށްފަހު ކަމަށާއި އެގައުމުގެ އާންމުންގެ ރައްކާތެރިކަމާއި ސަލާމަތަކީ ލުއިކޮށް ބަލާ ކަންކަން ނޫން ކަމަށެވެ.

ކެނަޑާގެ ގްލޯބަލް އެފެއާޒް އިން ވަނީ ސީރިޔާ ސަރުކާރުން އެގައުމަށް ގެންނަ ބަދަލުތަކާއި އަންނަމުންދާ ކުރިއެރުންތައް ފާހަގަވެފައިވާ ކަމަށާއި ސީރިޔާ އާއި އެގައުމުގެ ރައްޔިތުންގެ ކުރިއެރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ފާހަގަކޮށްފައެވެ.