ވީދާލީ

ވިލިމާލޭގައި އައުޓްޑޯ ޖިމް ހަދަން ހަވާލު ކުރި ކުންފުންޏާ ބިން ހަވާލު ކުރި ލިޔުން ވީދާލީ އޮޅުވާލައިގެން ތާރީހު ބަދަލުކޮށްގެން އެކަން ކޮށްފައިވާތީ ކަމަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލްގެ އެއްވެސް މެންބަރަކަށް އެއްވެސް ސަބަބަކާ ގުޅިގެން ރަސްމީ ލިޔެކިޔުމެއް ވީދުމުގެ ހުއްދައެއް ނޯންނާނެ ކަމަށާ އަދި ކައުންސިލްގެ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށެވެ.

އާޒިމް ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނަހުލާ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާލާފައިވަނީ މޭރީ ޖޫގޯއަށް ހަވާލުކުރި އޮޅުވާލައިގެން ފިންގާ ޕްރިންޓް ޖަހައި ސޮއިކުރުވި ލިޔުން ކަމަށާއި އެއީ މޭރީ ޖޫގޯއާ ހަވާލުކުރުމަށް ފަހު އެ ތަަނުގެ ލިޔުމެއް ކަމަށެވެ.

"އެ ލިޔުން އިރާލިޔަސް އެ ލިޔުމުން ރޮކެޓު ހެދިޔަސް އެއީ މޭޔަރު އާދަމް އާޒިމްއާ ބެހޭ ކަމެއް ނޫން" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ، ޕޮލިހަށް ހުށަހަޅަން ޖެހޭނީ މަކަރާ ހީލަތުން ފްރޯޑް ލިޔުމެއްގައި ސޮއި ކުރުވައި ފިންގާ ޕްރިންޓް ޖެހުވި ފަރާތް ކަމަށެވެ.