ދެކުނު ކޮރެއާގައި 120،000 ކެމެރާ ހެކްކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، އެގައުމުގެ ގެތަކުގައާއި ވިޔަފާރިތަކުގައި ބޭނުންކުރަމުން ދިޔަ 120،000 އައިޕީ ކެމެރާ ހެކްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަތަރު މީހަކެވެ.

ދެކުނު ކޮރެއާގެ ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، އެ ގައުމުގެ އެކި ސަރަހައްދުތަކުން ހެކްކޮށްފައިވާ އައިޕީ އަދި ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯ ބޭނުންކޮށްގެން، ވީޑިއޯތައް ހަދައި އިންޓަނެޓުގައި ހިއްސާކޮށް އެމީހުން ވިޔަފާރިވެސް ކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހެކްކޮށްފައިވަނީ ޕްރައިވެޓް ގެތަކާއި ކަރޯކޭ ރޫޕްތަކުގެ އިތުރުން ސްޓޫޑިއޯތަކާއި ހޮސްޕިޓަލު ތަކުގައި ހުރި ކެމެރާތަކެވެ.

ހެކްކުރި މައްސަލައިގައި ފުލުހުން ވަނީ ހައްޔަރުކުރި ހަތަރު މީހުން އެކަން ކޮށްފައިވަނީ ވަކި ވަކީން ކަމަށް ބުނެފައެވެ. އެގޮތުން އެކަކު 63،000 ކެމެރާ ހެކްކޮށް އެއިން ވީޑިއޯ ވިއްކައި 12،235 އެމެރިކާ ޑޮލަރު ހޯދައިފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެހެން މީހަކު 70،000 އަށްވުރެ ގިނަ ކެމެރާ ހެކްކޮށް ވިއްކައިފައިވެއެވެ.