ދާއިރާގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެ ކޮމިޓީން ވަކިކޮށްފިއެވެ.
ކޮމިޓީއަށް އައި ބަދަލުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން، މަޖިލިސް ރައީސް ވަނީ އަސްމާ ކޮމިޓީން ވަކިކުރިކަން މަޖިލިސް ތަޅުމުގައި އިއުލާން ކުރައްވައިފައެވެ.
އަސްމާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.
ކޮމިޓީގެ އާ މުގައްރިރެއް އަދި ކަނޑައެއް ނާޅައެވެ.
އަސްމާ ކޮމިޓީން ވަކިކޮށްފައި މި ވަނީ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި މާފަންނު ރައްޔިތުންނާއެކު ބާއްވަން އޮތް، ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުން ވާ ނަމަ، އެންގުމަށް އެދިވަޑައިގެން، ދާއިރާގެ ޕީއެންސީގެ މެންބަރުންނަށް އަސްމާ ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.
އަސްމާ ވަނީ އެ މެސެޖާ ގުޅިގެން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
އެކަމަށް މައާފަށް އެދިވަޑައިގެން ނެރުއްވި ނޫސް ބަޔާނެއްގައި އަސްމާ ވިދާޅުވެފައިވަނީ އޭނާ ފޮނުއްވި މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާ ހުރެ ރައީސާ ސީދާ ސުވާލުކުރަން ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފޮނުވި މެެސެޖެއް ކަމަށެވެ.
އަސްމާގެ މެސެޖާ ގުޅިގެން ހިތްހަަމަޖެހިވަޑައިނުގެން ރައީސް މުއިއްޒު މަޖިލިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ ގޮތެއްގައި އެ މަނިކުފާނާ ސުވާލުކޮށް، ދޭން ބޭނުންވާ މެސެޖެއް އޮތް ނަމަ ދިނުމަށާއި ސިޓީއެެއް ހަވާލުކުރަން އޮތް ނަމަ ހަވާލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ.
މި ނޫން ގޮތަކަށް ރައްޔިތުން ގާތު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މެސެޖްކޮށް ދަންނަވަމުން ދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ދަންނަވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުން ދައްކަން ބޭނުންވާ ވާހަކައެއް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް