ތޫފާނުގެ ސަބަބުން ލަންކާއިން މަރުވި މީހުންގެ އަދަދު 153 އަށް އަރައިފިއެވެ.
ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ އެތޫފާން ލަންކާއަށް އަރާފައިވާއިރު އެގައުމުން މިހާތަނަށް 153 މީހުން މަރުވެފައެވެ. އަދި 190 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ތޫފާން ޑިތްވާގެ ސަބަބުން އެގައުމުގެ ބޮޑު ސަރަހައްދަކަށް ގެއްލުންވެ ފައިވާ ކަމަށާއި އާންމުންނަށް އިންސާނީ އެހީ ނުލިބި ހާލުގައި ޖެހިފައިވާ ކަމަށް ބުނެފައެވެ.
ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ އިރު އެއޮޕަރޭޝަން ވަނީ ތޫފާނުގައި ގެއްލުން ވި ސަރަހައްދުތަކަށް ފުޅާކޮށް މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ތޫފާނުގެ ސަބަބުން ލަންކާގެ އާންމު މަގުތަކަަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ބައެއް ސަރަހައްދުގެ މަގުތައް ބޭނުން ނުކުރެވޭވަރު ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމުގެ ސަބަބުން ރެސްކިއު ޓީމުތަކަށް އެސަރަހައްދަށް ދިއުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ލަންކާ އަށް ތޫފާނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ މިލިޓަރީ އިން ވަނީ ހެލިކޮޕްޓަރާއި އެއާފޯސްގެ ހާއްސަ ޓީމެއް ފޮނުވާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ އިތުރުން ޕާކިސްތާނުންވެސް ވަނީ ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން ލަންކާގައި ބަނދަރުކޮށްފައިވާ ޕާކިސްތާނުގެ ނޭވީ މަނަވަރުން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ލަންކާއިން ވަނީ ބޭރު ގައުމުތަކުގެ އެހީއަށް އެދި އެކަމަށް ހާއްސަ އެކައުންޓު ނަމްބަރުތަކެއް އާންމުކޮށްފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް