ރާއްޖޭގެ ރައީސްކަންކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ކުރަމުން އަދި ހަރަދު ކަނޑާލަން، ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ގާނޫނުގެ އަށް ވަނަ މައްދާގައި މިހާރު އޮންނަނީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175,000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށެވެ.
ނަމަވެސް މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލްގައި ވަނީ މި މައްދާ އުނިކުރަން ހިމަނައިފައެވެ.
އެހެންކަމުން މި ބިލް ދިރާސާކުރަން ފޮނުވި މާލިއްޔަތު ކޮމީޓީގެ މިއަދުގެ ބައްދަލުވުމުން ބިލް ފާސްކޮށްފައިވަނީ ސަރުކާރުން މަޖިލީހަށް ބިލް ފޮނުވި ގޮތަށް އެ މާއްދާ އުނިކޮށްގެންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތަކަށް މި ގާނޫނުން ދޭ މާލީ އިނާޔަތް މެދުކަނޑައިލެވޭނެ އިތުރު ހާލަތެއް ވެސް ވަނީ މި ބިލްގައި ހިމަނައިފައެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން މާލީ އިނާޔަތް މެދުކެނޑޭނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތް ލިބެމުން ދަނިކޮށް، އެ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ، އެމަގާމުން އެމީހަކު ވަކިވަންދެނެވެ.
ނަމަވެސް ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބު ވާ މުއްދަތުގެ އިތުރުން، ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ވެސް މާލީ އިނާޔަތް މެދުކެނޑޭނެ ކަމަށް މި ބިލުގައި ބުނެއެވެ.
ގާނޫނުގެ ފަސްވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައި ދޭންވާނެއެވެ.
ނަމަވެސް އެ މީހަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހެއްނަމަ، ރާއްޖޭން ބޭރުގައި ދިރިއުޅޭ މުއްދަތުގައި އެހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމް ނޫން ކަމަށް ބިލްގައިވެއެވެ.
ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތުގެ ގޮތުގައި މިހާރު އޮތް ގާނޫނުގައި ހިމެނެނީ، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު ދޭންޖެހޭ 50,000 ރުފިޔާ، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މަހަކު 75,000 ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މަރުވެއްޖެނަމަ، އެމީހާގެ އަނބިމީހާ އެހެން ކައިވެންޏެއް ކުރަންދެން، އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު، އެ މާލީ އިނާޔަތް ދައުލަތުން ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.
ގާނޫނު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް، ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދޭން ވެސް ވާނެއެވެ. އަދި ވައިގެމަގުން ދަތުރުކުރާނަމަ، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށަކާއި އެއާޕޯޓާ ދެމެދު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައްވެސް ދައުލަތުގެ ހަރަދުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
އިބްރާހިމް ޒަކީ
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް