ޗައިނާއަށް ސްޕައިކޮށްދިން ފިލިޕީންސްގެ މޭޔަރު ޖަލަށްލައިފިއެެވެ.

ފިލިޕީންސްގެ އުމުރުން 35 އަހަރުގެ އެލިސް ގުއޯ ޖަލަށް ލާފައިވާއިރު އޭނާގެ މައްޗަށް ހުށަހަޅާފައިވާ ޗައިނާއަށް ސްޕައިކޮށްދިނުމުގެ އިތުރުން ސްކޭމް ސެންޓަރެއް ހިންގުމާއި ހިއުމަން ޓްރެފިކިން ސާބިތުވާ ކަމަށް ވަނީ ހުކުމްގައި ބުނެފައެވެ.

އެލިސް އަށް އިއްޔެ ކުރި ހުކުމްގައި އޭނާގެ މައްޗަށް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން ދެ މިލިއަން ޕެސޮސް ނުވަތަ 33،832 އެމެރިކާ ޑޮލަރި ދެއްކުމަށެވެ.

އޮފިޝަލުން ވަނީ އެލިސްގެ މައްޗަށް ކުރި ތަހުގީގުގައި އޭނާ ނިސްބަތްވާ ބަމްބަމް ޓައުންގައި މިހާތަނަށް ފިލިޕީންސްއިން ފެނިފައިވާ އެންމެ ބޮޑު ސްކޭމް ސެންޓަރު ހިންގުމުގެ އިތުރުން 800 އަށްވުރެން ގިނަ ފިލިޕީންސް އާއި އެހެނިހެން ގައުމުތަކުގެ މީހުން އެ ސްކޭމް ސެންޓަރުގައި ގެންގުޅުނުކަން ހޯދިފައިވާ ކަމަށް ބުނެފައެވެ.

ފިލިޕީންސްގެ ފުލުހުން އެލިސް ހައްޔަރުކޮށްފައިވަނީ އެތައް ދުވަހެއް ވަންދެން ފިލައިގެން އުޅެނިކޮށް މިދިޔަ އަހަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާވަނީ އޭނާގެ މައްޗަށް ކުރަމުން އަންނަ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.