ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައްޔިތުން އެދޭގޮތް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު ޝަރީފް މިހެން ވިދާޅުވީ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި މެންބަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުން ދިން ފުރުސަތުގައި ވާހަކަ ދައްވަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެ އިސްލާހު ހުށަހެޅުއްވީ އިލްމީ ދިރާސާތަކަށްފަހު ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދާއި ލަފާފުޅުގެ ދަށުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދިރާސާއެއް ކޮށްފައިވާ ކަމަށާއި، އެ ދިރާސާއިން ކައުންސިލްގެ އަދަދު މަދުކުރަން ރައްޔިތުން ބޭނުންކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ގާނޫނުގައި މިހާރު އޮންނަނީ 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ފަސް މެންބަރުން ކަމަށެވެ. އަދި 3000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ހަތް މެންބަރުން ކަމަށެވެ.

ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާ މި ބިލުގައި ވަނީ 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ، ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެންބަރުން ކަމަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެންބަރުންކަމަށް ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން، ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން ހިމެނެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، ތިން ކައުންސިލަރުންގެ ހިމެނޭ ކައުންސިލްތަކުގައި އެއް އަންހެންހެން ކައުންސިލަރު، ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

ޑަބްލިޔުޑީސީތައް އެކުލެވިގެންވަނީ، ރަށެއްގައިނަމަ ފަސް މެންބަރުން ސިޓީއެއްގައިނަމަ އެތަނެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ ހަ މެންބަރުން، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީތަކުގައި 10 މެންބަރުން، 60،000 އަށްވުރެ މަތިނަމަ 18 މެންބަރުން ކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް އަދަދު ބަދަލުކޮށް، ރަށެއްގައިނަމަ ރަށު ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން، އަދި ސިޓީއެއްނަމަ، އެ ސިޓީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ އަދަދަށް ޑަބްލިޔުޑީސީތަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އަދި ޑަބްލިޔުޑީސީތަކުގެ ރައީސް އާއި ނާއިބުރައީސް ހޮވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުންކަމަށް އޮތް ގޮތް ބަދަލުކޮށް، ރައީސް އިންތިހާބު ކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި، ނައިބުރައީސް ހޮވާނީ ކޮމިޓީ މެންބަރުންގެ ތެެރޭގައިނަގާ ސިއްރު ވޯޓަކުން ކަމަށް ހެދުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާތީ، ލާމަރުކަޒީ ގާނޫނުގައި ހިމެނޭ އަތޮޅުކައުންސިލްތަކުގެ ބާބު ގާނޫނުން އުނިކުރަން މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.