އަންނަ އަހަރުން ފެށިގެން ނަފްސާނީ ބަލީގެ ހުރިހާ ހަރަދެއް އާސަންދައިން ކަވަރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ "ހަފުތާ 104" ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިވީހާ ތަނަށް ވެސް ނަފްސާނީ ބަލިތަކަށް ކުރާ ހަރަދު އާސަންދައިން އެއްކޮށް ކަވަރުނުވާ ކަމަށެވެ.

ނަމަވެސް އެކަން ބަދަލުކޮށް، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރު އެންމެ ގިނަ މުވައްޒަފުން ނެގީ ސިއްހީ ދާއިރާއަށް ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެންމެ ގިނައިން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާއިން ކަމަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ލެބޯޓަރީ ނެތް ރަށްރަށުގައި ލެބޯޓަރީތައް ގާއިމުކޮށް، ހުރިހާ ސިއްހީ މަރުކަޒުތައް އަޕްގްރޭޑުކޮށް ނިންމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގައި ސީޓީ ސްކޭން ހެދޭނެ މަގުފަހިވެގެންދާނެ ކަމަށާއި ހަ މަސް ތެރޭގައި ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ވެސް ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލޭގައި ވެސް ސިއްހީ ހިދުމަތް އިތުރަށް ތަރައްގީކޮށް، އަންނަ އަހަރު ނިމޭއިރު، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހޭ އަދަދު ވަރަށް ބޮޑުތަނުން ދަށްކުރެވިގެންދާނެ ކަމަށެވެ.