އެއްވައްތަރެއްގެ މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތައް އެއްްކޮށްލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި މިނިވަން މުއައްސަސާތަކަށް ހިމަނާފައިވާ ބަޖެޓް އިތުރުކޮށްދިނުމަށް މުއައްސަސާތަކުން ހުށަހަޅާފައިވާ މައްސަލައާބެހޭގޮތުން ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ބަޖެޓް އިތުރުކުރަން މުއައްސަސާތަކުން ހުށަހަޅާފައިވާ މައްސަލައިގައި ނާޒިމް ވިދާޅުވީ އެކަން ކުރެވޭނީ މުޅި ބަޖެޓްގެ އެހެން ދިމާލަކުން އެހަރަދު އުނިކޮށްގެން ކަމަށެވެ.

އެގޮތަށް ބަލާއިރު އެއްވައްތަރެއްގެ މަސައްކަތްކުރާ މުއައްސަސާތައް ސަރުކާރު ތެރޭގައި އެބަހުރި ކަމަށާއި އެތަންތަނުގެ މަސައްކަތްތައް އެއްކޮށްލެވިދާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އެބަހުރި ޑުބްލިކޭޓްވެފައި ސަރުކާރު ތެރޭގައި ހުރި މުއައްސަސާތައް މިސާލަކަށް ދަންނަވާ ކަމަށްވަންޏާ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެބަ ހަރަދުކުރޭ އަހަރަކު 14.7 މިލިޔަން، ޗިލްރަންސް އޮންބަޑްސް ޕާސަން އޮފީހަށް ހަރަދުވޭ 8.8 މިލިޔަން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 7.5 މިލިޔަން، އެޗްއާރުސީއެމަށް 29 މިލިޔަން، މީން ކޮންމެ އޮފީހަކީވެސް އޮފީސް އުފެއްދުމަށްފަހު ވަރަށް ގިނަ ހަރަދުތަކެއް ރިޕީޓްވެގެންދާ ތަންތަން، މިސާލަކަަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްވެސް، ހަމަ ފައިނޭންސް ސެކްޓަރެއް ހުންނަންޖެހޭ، ސްޓޯރެއް ހުންނަންޖެހޭ، ސްޓޯކީޕަރެއް ހުންނަންޖެހޭ، ފައިނޭންސް ޒިންމާދާރު އިސް ވެރިއަކު ހުންނަންޖެހޭ، ތަން ކިތަންމެ ކުޑަޔަސް ހުރިހާ މަގާމުތަކެއްގައި މީހުން ތިބެންޖެހޭ، މިނިވަން މުއައްސަސާއެކޭ ގާނޫނުގައި ބުނުމަށްފަހު އެތަނުގައި ހުންނަ އެންމެ އިސް މީހަކަށް ކާރަކާ ޑްރައިވަރެއް އެބަ ޖެހޭ ދޭން،"

ނަމަވެސް ނާޒިމް ވިދާޅުވީ، އެތަންތަނުން ކުރާ މަސައްކަތްތަކުގެ ނަތީޖާ ހާސިލްކުރާ މިންވަރާމެދު ސުވާލު އުފެދޭ ކަމަށެވެ.

"މިސާލަކަށް ދަންނަވަންޏާ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ދެން ރިޕޯޓެއް ތައްޔާރުުކުރޭ، ނަމަވެސް ތަންތަނުގެ މަގާމުތަކުގައި ތިބި މީހުންގެ އިންޓަގްރިޓީ ހިފެހެއްޓުމަށްޓަކައި ކުރެވުނު ކަމެއް ފެންނާކަށް ނެތް، އަޅުގަނޑުމެން ޕޮލްކޯގެ މައްސަލަ ބަލަންދިޔައިރު ހުށަހެޅިފައޮތްތާ ހަތް އަހަރުވެފައި ހުރި މައްސަލަތައް ފެނުނު، އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިޔާނާތްތެރިވި ފުލުންގެ މައްސަލަތައް ބަލާތާ ހަ އަހަރުވެގެން ހިނގައްޖެ ނިމިފައެއްނެތް،"

ނާޒިމް ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެފަދަ ތަންތަން އެހެންތަންތަނުގެ ދަށަށްލައި އެއްކޮށްލަންޖެހޭ ކަމަށެވެ. އެގޮތުން ޗިލްރަންސް އޮންބަޑްސްޕާސަންގެ އޮފީސް، ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ދަށަށްލެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ހަމަ އެއާއެކު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ކިޔާތަނެއް އެބައޮވޭ އެތަނަކީ ޖެންޑާ މިނިސްޓްރީގެ ކަންތަކަށް ފާރަވެރިވާ ނޫނީ އެތަނުގެ ކަންތައްތަކާބެހޭގޮތުން ލަފާދޭން އޮންނަ ބައެއް، އެކަމަކު ޖެންޑާ މިނިސްޓްރީގެ ޕްރޮގްރާމްތަކަށް ކުރަންޖެހޭ ހަރަދަށްވުރެން ބޮޑު ހަރަދެއް އެތަނަށް ކުރަންޖެހޭ،"

އެހެންކަމުން ނާޒިމް ވިދާޅުވީ، އެއްކޮށްލެވެންހުރި ތަންތަން ކޮމިޓީން ބަލައި ފިނޭންސް މިނިސްޓްރީ އާއި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން އެއްކޮށްލުމަށްފަހު، އެތަންތަނުން ބާކީ ކުރެވޭ ފައިސާ އެހެން މުހިއްމު މުއައްސަސާތަކުގެ ބަޖެޓަށް އިތުރު ކުރެވިދާނެ ކަމަށެވެ.