ތައިލެންޑާއި ކެމްބޯޑިއާގެ ސުލްހައިގެ އެއްބަސްވުން ސަސްޕެންޑުކޮށްފިއެވެ.

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި މިދިޔަ ޖުލައި މަހު ހިނގި ހަމަނުޖެހުމަށްފަހު ދެގައުމުން ވެސް ވަނީ ހަމަލާ ބަދަލުކޮށްފައެވެ. އެ ހަމަލާތަކުގައި 43 މީހަކު މަރުވެފައިވާ އިރު، ދެގައުމުގެ ވެސް ތިން ލައްކައަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުވެފައެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހަދާފައިވާ ސުލްހައިގެ އެއްބަސްވުމަށް ދެގައުމުން ވަނީ އެއްބަސްވެ އަމަލުކުރަން ފަށައިފައެވެ. ނަމަވެސް ތައިލެންޑުން ވަނީ އިއްޔެ އިން ފެށިގެން އެ އެއްބަސްވުން ސަސްޕެންޑުކުރި ކަމަށް އިއުލާންކޮށްފައެވެ.

ތައިލެންޑުގެ ސިފައިން އިއްޔެ ބުނީ ބޯޑަރު ސަރަހައްދުގައި ލޭންޑު މައިނެއް ގޮވުމުގެ ސަބަބުން ތައިލެންޑުގެ ދެ ސިފައިންގެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ތައިލެންޑުގެ ސިފައިން ނެރުނު ބަޔާނުގައިވާ ގޮތުން އެގައުމުގެ ސިސަކެޓް ޕްރޮވިންސުގައި ހިނގައިދިޔަ މައިން ގޮވުމުގެ ހާދިސާގައި ސިފައިންގެ ދެ މީހުންނަށްވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

އެ ހާދިސާއާ ގުޅިގެން ތައިލެންޑު ސަރުކާރުގެ ތަރުޖަމާނު ސިރިޕޮންގް އަންކަސަކުލްކިއަޓް ވިދާޅުވީ ސުލްހައިގެ އެއްބަސްވުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ތައިލެންޑުން ކުރަމުން އަންނަ ތުހުމަތުތަކަށް ކެމްބޯޑިއާއިން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ކެމްބޯޑިއާގެ އޮފިޝަލުން ވަނީ ބޯޑަރު ސަރަހައްދުގައި ލޭންޑް މައިން ހަރުކުރި ކަމަށް ކުރަމުންދާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.