އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ފިސްކަލް ޕޮލިސީ މުހިއްމު ފަސް އަމާޒަށް ބައްޓަން ކުރެވިފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަަވަމުން އަނާރާ ވިދާޅުވީ، އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއް ކަމަށެެވެ.

"އެގޮތުން މި ބަޖެޓު އޮޕަރޭޝަނަލް އަމާޒުތަކަށް ބަލައިލާ އިރު ނިސްބަތުން ދައުލަތުގެ އާމްދަނީ %32 ގައި ހިފެހެއްޓުމާއި ދައުލަތުގެ ސީދާ ދަރަނި ދުރުރާސްތާގައި ދަށްކުރުމުގެ އަމާޒު ހިފެހެއްޓުމާއި ޕީއެސްއައިޕީ ބަޖެޓު ދައުލަތުގެ ހަރަދުގެ 70 ޕަސެންޓަށްވުރެ ދަށުގައި ބެހެއްޓުމާއި ބޭރުގެ ދަރަނީގެ އިންވެސްޓް އިންޓަރެސްޓް ޖުމުލަ އާމްދަނީގެ ފަހެއް އިންސައްތައިގައި ހިފެހެއްޓުން، އަދި ދައުލަތުގެ ގެރެންޓީ ދޭ ލޯނުތަކުގައި ކަމާ ބެހޭ ގާނޫނުގެ ހަމައިގެ ތެރޭގައި ހިފެހެއްޓުން، މި ފަސް އަމާޒަށް މި ބަޖެޓުގެ ފިސްކަލް ޕޮލިސީ ބައްޓަންކުރެވި ތަސައްވުރު ކުރެވިފައިވާކަން ފާހަގަކުރަން،"

މި ބަޖެޓުގެ ސަބަބުން ކުރާނެ ފައިދާތަކަށް ބަލާ އިރު، ފިސްކަލް ކްރައިސިސްއަކުން ގައުމު ސަލާމަތް ކުރުމަށް ވަރަށް ގިނަ ވިސްނުންތަކެއް ބައްޓަންކުރެވިފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"ޕަބްލިކް ފަންޑުތައް ދައުލަތުގެ ފަންޑުތައް ފައިދާހުރި އިންވެސްޓްމަންޓުތަކަށް އިންވެސްޓު ކުރުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ،"