މި ސަރުކާރުގެ އަމާޒަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާރު ދުވެލީގައި ވައުދުތައް ފުއްދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެހީގައި ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވުމަށް ހަނިމާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، ނިންމިފައިވަނީ އެއާޕޯޓުގެ 30 އިންސައްތަ މަސައްކަތް ކަމަށެވެ.
އެއާޕޯޓުގެ ނުނިމި ހުރި 70 އިންސައްތައިގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމާލެވިފައިވާ ކަމަށާއި އަމާޒަކީ ހަމަ އެގޮތަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާރު ދުވެލީގައި ވައުދުތައް ވެސް ފުއްދައި ނިންމުން ކަމަށެވެ. އަދި އުތުރުގެ ހުރިހާ ރަށެއްގައި ވެސް ތަފާތުކުރުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި އިންފްރާސްޓްރަކްޗާގެ މަސައްކަތެއް ނޫން ކަމަށާއި އެއީ އުތުރުގެ ތަރައްގީގެ ދޮރާށި ކަމަށެވެ. އަދި އެ އެއާޕޯޓަކީ އުތުރުގެ އިންޓަގްރޭޓަޑް ޑިވެލޮމަންޓް ޒޯނުގެ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް އުތުރަށް އެކަށީގެންވާ މިންވަރަށް ޓޫރިޒަމް ގެނެވިފައި ނުވާ ކަމަށާއި ނަމަވެސް މިހާރު ނާގޯށީގެ މަސައްކަތް ކުރިއަށްގެންގޮސް، ގިނަ ލުއިތަކާއެކު ޓޫރިޒަމަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓާއެކު ވިޔަފާރިއަށް ރަނުގެ ފުރުސަތެއް ހުޅުވިފައިވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ އިންވެސްޓަރުންނަށް އުތުރުގައި ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ދައުވަތު އަރުވައިފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމުކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް ކުރީން އިއުލާނުކޮށްފައިވެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެ ކަމަށް ބުނެފައިވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު