ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސްއެއް ދިރާގުން ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ އެ ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުޅިވަރަށް ހާއްސަ ޗެނަލްތައް ފަސޭހަކަމާ އެކު ބަލައިލެވޭނެ ކަމަށެވެ. އެ ގޮތުން މި ހިދުމަތް މެދުވެރިކޮށް ދުނިޔޭގެ އެންމެ މަގްބޫލު މުބާރާތްތައް ކަމުގައިވާ ޕްރިމިއާ ލީގް، ޔޫއީއެފްއޭ ޗެމްޕިއަންސް ލީގް އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވަގުތުން ބަލައިލެވޭނެ ކަމަށެވެ. އަދި ކްރިކެޓް، ވޮލީބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އިތުރު ކުޅިވަރުތައް ބަލައިލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހި ވެގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ އެ ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް 450 ރުފިޔާއަށް އަންލިމިޓެޑް ސްޕޯޓްސްޕާސް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި ޕެކޭޖަށް ފައިސާ ދެއްކުމަށް، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާ އެކު ފައިސާ ދެއްކޭ އިރު، ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކައުންޓްގެ ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށެވެ.

މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާނެޓްގެ ޕެކޭޖެއް އެކްޓިވޭޓް ކުރެވޭ ގޮތަށް ތައާރަފު ކުރި ފުރަތަމަ ހިދުމަތް ކަމަށާއި މި ޕެކޭޖް އެކްޓިވޭޓް ކޮށްގެން 31 މޭ 2026ގެ ނިޔަލަށް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.